މިދިޔަ އާދީއްތަ ދުވަހު ބްރެޒިލްގެ ޖަންގަލީގައި އުޅޭ ޖަނަވާރުތަށް ބަލާލުމަށް އެގައުމަށް ގޮސް އުޅުނު ފަތުރުވެރިޔާ ގެއްލިފައިވަނިކޮށް އަނިޔާތަކަކާއެކު ދިރިހުއްޓާ އޭގެ 4 ދުވަސް ފަހުން ފެނިއްޖެއެވެ.

ބްރިޓް ކިޔާ މި ފަތުރުވެރިޔާ ބްރެޒިލްއަށް ދިޔައީ އޭނާގެ ރަހުމަތްތެރިންނާއި އެކުގައެވެ. އަދި އޭނާ އާދީއްތަދުވަހު ޖަންގައްޔަށް ވަނީ އެހެން މީހުންނަށް ވުރެ ކުރިން އަވަހަށް ދިޔުމަށްޓަކައި އެމީހުން ސައިބޯން ތިއްބައިކަމަށް އޭނާގެ ރައްޓެހިންވަނީ ބުނެފައެވެ.

ތަފާތު ނުރައްކާތެރި ޖަނަވާރު އުޅޭ މި ޖަންގަލީ ތެރެއަށް ބްރިޓް ވަންތާ 30 އަކަށް މިނިޓް ފަހުން އޭނާގެ ރަހުމަތްތެރިން ވަން އިރުވެސް އޭނާ ފެނިފައިނުވާކަމަށް އޭނާގެ ރަހުމަތްތެރިން ވަނީ ބުނެފައެވެ. ފޯނުވެސް ބާއްވާފަ ދިޔަ ބްރިޓް 2 ގަޑިއިރުވީ އިރުވެސް ނުފެނުމުން އޭނާގެ ރައްޓެހިންވަނީ އެމީހުން ތިބޭ ހޮޓަލަށް އެކަން އަންގާ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. ހޯދަން ކުރި މަސައްކަތުން އެދުވަހު އިރު އޮއްސުނު އިރުވެސް އޭނާ ފެނިފައިނުވާތީ އޭނާގެ އެކުވެރިން ވަނީ އޭނާގެ މައިންބަފައިންނަށް އެކަން އަންގާފައެވެ.

ހާސްވެފައިވާ ބްރިޓްގެ މައިންބަފައިން ވަގުތުން ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކަށް ގުޅާ ބްރިޓް ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ހޯދާ ޓީމަށްވެސް 3 ދުވަސް ވީއިރުވެސް ބްރިޓް ފެނިފައި ނުވާތީ ޖަނަވާރެއް ބްރިޓް އަށް ހަމަލާދީ މަރާލީ ކަމަށް ނުވަތަ ކޯރަކަށް ވެއްޓި ގެއްލުނީކަމަށް އެޓީމް ނިންމާ މަސައްކަތް ހުއްޓާލާ އެބުރި އައުމަށް މަސައްކަތް ކުރިއެވެ.

ބްރިޓް ފެނުނީ ހޯދާ ޓީމް އެބުރު އައުމަށް ޖަންގަލިން ނިކުންނަން އައި މަގުމަތީގައި ވަޅުގަނޑަކަށް ވެއްޓިފައި ވަނިކޮށް ޓީމްގެ މެމްބަރަކަށެވެ. ބްރިޓް ފެނުނު އިރު އޭނާގެ ފައި އޮތީ ބިދި ނުހިނގޭ ހާލުގައެވެ. އަދި ބަޑުހައިވެ އޭނާގައިގައި ގޮވާލެވޭހާ ވަރުވެސް ނެތެއެވެ.

ހޯދާ ޓީމުން އަވަހަށް ބްރިޓް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އަދި މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ. ބްރެޒިލްގެ މި ޖަންގައްޔަކީ އާންމުކޮށް ގެއްލޭ މީހުން ދިރިހުއްޓާ އެހާ ދުވަސްފަހުން ފެންނަ ޖަންގައްޔެއް ނޫނެވެ. އާއްމު ގޮތެއްގައި ކޮންމެވެސް ޖަނަވާރެއްގެ ސިކާރައަކަށްވެ މީހާ ފެންނަނީ މަރާލާފައި އޮއްވައެވެ.

ބްރިޓް ގެއްލުމުގެ ހަމަސްކުރިން ކުރިން މި ޖަންގަލި ބަލާލުމަށް އައި އިގިރޭސި ވިލާތު ޓީޗަރަކުވެސް ވަނީ އެކަނި ޖަންގަލީ ތެރެއަށް ގޮސް އުޅުމުގެ ތެރޭގައި ޖަނަވާރެއްގެ ސިކާރައަކަށްވެ މަރުވެފައެވެ.