އިންޑިއާގައި އުމުރުން 85 އަހަރުގެ ބަލި މީހަކަށް އަނިޔާކުރި ނަރުހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައިވަނީ، އެ ނަރުސް ހައްޔަރުކުރީ އެޤައުމުގެ ދެކުނު ކޮލްކަޓާގައި ހުންނަ ހޮސްޕިޓަލެއްގައި އުމުރުން ދުވަސްވީ އަންހެނަކަށް އަނިޔާކުރަމުންދިޔަ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ. ފުލުހުން ބުނެފައިވާގޮތުގައި، ފާއިތުވެދިޔަ ހަތަރު ވަރަކަށް މަސް ވަންދެން އެ ނަރުސް ވަނީ ބަލިމީހާއަށް އެކި ގޮތްގޮތުން އަނިޔާކޮށްފައެވެ.

މި މައްސަލަ ފެންމަތިވެ، ސަންޖުކާ ޕައިކް ނަމަކަށްކިޔާ އެ ނަރުސް ހައްޔަރުކޮށްފައި ވަނީ، އޭނާ އުމުރުން ދުވަސްވީ ބަލި މީހާއަށް އަނިޔާކުރި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުވެ، އެމީހާގެ އާއިލާގެ ފަރާތުން އެ ފުޓޭޖް ފުލުހުންނަށް ހުށަހެޅުމުންނެވެ.

ނޫސްތައް ބުނާގޮތުގައި، އުމުރުން ދުވަސްވީ ބަލި މީހާއަށް ފަރުވާދެމުން ދިޔަ ކޮޓަރީގައި ސީސީޓީވީ ކެމެރާ ހަރުކުރީ އޭނާގެ އާއިލާގެ މެމްބަރުންނެވެ. އެފަރާތްތަކުން އެތަނުގައި ސިއްރު ކެމެރާތަކެއް ހަރުކުރީ، އަންހެން މީހާގެ ބުރަކަށީގައި އަނިޔާގެ ނިޝާންތަކެއް ހުރުމުން، އޭނާއަށް އަނިޔާކުރަމުންދާ ކަމަށް ޝައްކު ކުރެވިގެންނެވެ.

"ޑޮކްޓަރުން ބުނަމުން ދިޔައީ، ބުރަކަށީގައި ހުރި ނިޝާންތަކަކީ ބަލިހާލަތުގެ ސަބަބުން ވެފައި ހުރި ކަމެއް ކަމަށް. އެކަމަކު ބޭސް ދީގެންވެސް އެ ނިޝާންތަކަށް އެއްވެސް ބަދަލެއް ނާދޭ. ފަހުން އެނގުނީ ކޮންމެ ދުވަހަކު ނަރުހަކު އޭނާއަށް އަނިޔާކުރަމުން ދިޔަކަން،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ނޫސްތަކުގައި ބުންޏެވެ.

އުމުރުން ދުވަސްވީ އެ އަންހެން މީހާއަކީ މީގެ އަހަރުތަކެއް ކުރީން ސިކުނޑީޣެ ސްޓްރޯކެއް ޖެހިގެން ހާލުދެރަވެ ފަރުވާދެމުންދިޔަ މީހެކެވެ. އޭނާއަށް ސްޓްރޯކް ޖެހުނު ފަހުން ހިނގައިބިގައި ނޫޅެވޭއިރު އަމިއްލަ އިޙްތިޔާރުގައި ހަރަކާތެއްވެސް ނުކުރެވެއެވެ.

މި އަންހެން މީހާއަށް އަނިޔާކުރި ކަމަށް، މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ނަރުސް ވަނީ އެއްބަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު