ކެނަބިސްގެ ބާވަތެއް ކަމުގައިވާ މަރުވާނާ އަޅައިފައި ހުރި ކޭކެއް އޮޅުމަކުން ކެވި، ޑިއުޓީގައި ތިބި ނަރުހުން ތަކެއް މަސްތުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ވެރިންގްޓަން ހޮސްޕިޓަލުގައި މި ހާދިސާ ހިނގުމަށް މެދުވެރިވީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތް ބަލި މީހަކު ދޫކޮށްލުމުން، އެ ބަލި މީހާ އަށް އަޅާލުން ދިން ނަރުހުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން މީހަކު ކޭކެއް ދިނުމުންނެވެ.

މުސްކުޅި ފުރައިގެ ފިރިހެން މީހާ ހޮސްޕިޓަލުގެ ނަރުހުން ތަކަކަށް އެ ކޭކު ދިނުމަށް ފަހު ބުނެފައި ވަނީ އެ ބަލި މީހާ އާއި ދޭތެރޭ ކަންތައް ކުރި ގޮތާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހުނު ކަމަށާއި، އެކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކޭކު ކޮޅެއް ދޭނޭ ކަމަށެވެ.

އެ މީހާ ކޭކު ދިނުމުން އެވަގުތު ޑިއުޓީގައި ތިބި 4 ނަރުހަކު އެ ކޭކު ކެއުމަށް ފަހު މަސްތުވުމުން ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުން މައްސަލަ ބެލުމަށް ފަހު ބުނެފައި ވަނީ އެ މުސްކުޅި މީހާ ދިން ކޭކަކީ އޭނާގެ ކާފަ ދަރިއެއްގެ 18ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ހުރި ކޭކު ތަކެއް ކަމަށާއި، އެ ކޭކުގައި މަސްތުވާ އެއްޗެއް ހުރި ކަން އޭތި ނަރުހުންނަށް ދިން މީހާ އަށް ނޭނގޭ ކަމަށެވެ.

މަރުވާނާ އަކީ ކާ އެއްޗެއްސަށް އަޅައިގެން ކެއުމުންވެސް މަސްތުވާ އެއްޗެއް ކަމުގައި ވާއިރު، އެއީ އިނގިރޭސި ވިލާތުގައި މަނާ އެއްޗެކެވެ. އެހެންކަމުން މި ޑްރަގް ލިބުނު ގޮތް ސާފު ކުރުމަށްޓަކައި ފުލުހުން މިހާރު އަންނަނީ އެ މީހާގެ ކާފަ ދަރި އާއި ސުވާލު ކުރަމުން ކަން ފާހަގަ ކޮށްލެވެއެވެ.