ކޮންޓްރޯލް ގެއްލިފައިވާ ޗައިނާގެ ޖައްވީ އިދާރާ، އަންނަ އާދީއްތަ ދުވަހުގެ ވަގުތެއްގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ޖައްވީ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

"ޓިއެންގޮންގް-1" ގެ ނަމުން ނަންދީފައިވާ މި ބިޔަ ޖައްވީ އިދާރާ ދުނިޔެއަށް ވެއްޓޭނެކަން މިދިޔަ އަހަރުގެ ފަހުކޮޅުވެސް ސައިންސްވެރިން ހާމަކޮށްފައިވާއިރު، އެ އިދާރާ ދުނިޔެއަށް ވެއްޓޭނީ ކޮން އިރަކު ކަމެއް ނުވަތަ ކޮން ތަނަކަށް ކަމެއް އޭރު ލަފާކޮށްފައެއް ނުވެއެވެ.

ބަރުދަނުގައި 8.5 ޓަނު ހުންނަ "ޓިއެންގޮންގް-1"ގައި ގިނަ ޢަދަދެއްގެ ވިހަ ގޭހާއި ނުރައްކާތެރި މާއްދާތައް ހުރިއިރު، މި އިދާރާ ދުނިޔެއަށް ވެއްޓުމުގެ ކުރިން ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުން ބާރުގަދަ ގޮވުމެއްގައޮ ގޮވައި އަނދާނެއެވެ. އެހެނަސް މި އިދާރާގެ ބޮޑު ކަމާއި އޭގެ ބާރުގަދަ ކަމުން، އަނދައިގެން ދާނީ "ޓިއެންގޮންގް-1"ގެ 10 އާއި 40 އިންސައްތަ ކަމަށް ވަނީ ބެލެވިފައެވެ.

"ޓިއެންގޮންގް-1"ގެ ބޮޑު ބިމާއި ހަމައަށް ފޯރާނެކަން މިހާރު ޔަޤީން ކުރެވިފައިވާއިރު، އެންމެ ބޮޑަށް ބެލެވިފައިވަނީ މި އިދާރާ ވެއްޓޭނީ އެމެރިކާއަށް ކަމަށެވެ. ދިރާސާވެރިން އަންދާޒާކުރާ ގޮތުގައި، މި ބިޔަ އިދާރާ، އޭގައިވާ މާއްދާތަކާއި އެކު ވެއްޓޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އެމެރިކާގެ ނިއުޔޯކަށެވެ.

"ޓިއެންގޮންގް-1" ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުން ގަޑިއަކު 29،000 ކިލޯމީޓަރުގެ ބާރުމިނުގައި ދައުރުވާ މަންޒަރު، ރާއްޖެ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކަށް މިހާރު ފެންނަމުންދާއިރު ދުވަހެއް ދުވަހަކަށް މި އިދާރާ އަންނަނީ ދުނިޔެއާއި ކައިރިވަމުންނެވެ. އަދި އާދީއްތަ ދުވަހު، ވައިގެ ފަށަލަތަކުން އެތެރެވެ ދުނިޔޭގެ ބިމަށްދަމާ ބާރުގެ ސަބަބުން ބާރު ދުވެލީގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ވެއެވެ.

2011 ވަނަ އަހަރުގެ ތެރޭގައި ލޯންޗް ކުރެވުނު "ޓިއެންގޮންގް-1"ގައި އެންމެ ފަހުން އެސްޓްރޮނޯޓުންތަކެއް ޙަރަކާތްތެރިވެފައި ވަނީ 2013 ވަނަ އަހަރުގައެވެ. އެއަށްފަހު ދިމާވި ޓެކްނިކަލް މައްސަލައެއްގައި 2016 ވަނަ އަހަރު އެ އިދާރާގެ ކޮންޓްރޯލް ގެއްލުނުއިރު، ދުނިޔެ ވަށައިގެން ޖުމްލަ 37،344 ފަހަރު ބުރު ޖަހާފައި ވެއެވެ. ޗައިނާއިން ވަނީ "ޓިއެންގޮންގް-1"ގެ ކޮންޓްރޯލް ގެއްލުމުން "ޓިއެންގޮންގް-2"ގެ ނަމުގައި އިތުރު ޖައްވީ އިދާރާއެއް ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ބޭރުގައި ޤާއިމްކޮށްފައެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި، ޖައްވީ އުޅަނދެއް ނުވަތަ ސެޓެލައިޓެއް ދުނިޔެއަށް ވެއްޓުމަކީ އަލަށް ދިމާވި ކަމެއް ނޫނެވެ. ނަމަވެސް މީގެ ކުރިން މިފަދަ އުޅަނދެއް ދުނިޔެއަށް ވެއްޓި އޭގެ ބަޔަކުން ޖެހުމުގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. "ޓިއެންގޮންގް-1" އަކީ ކުރިން ދުނިޔެއަށް ވެއްޓުނު އެފަދަ ތަކެއްޗާއި ބަލާއިރު ބިޔަ އިދާރާއަކަށް ވާއިރު، އޭގެ ސަބަބުން ނުރައްކާތެރި ޙާލަތެއް ކުރިމަތި ވުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.