ތައިލޭންޑްގެ މަޝްހޫރު މާޔާ ގޮނޑުދޮށް ވަގުތީ ގޮތުން ބަންދުކުރުމަށް އެގައުމުގެ އޮފިޝަލުން ނިންމައިފިއެވެ. ހަތަރު މަސް ދުވަހަށް އެ ބީޗް ބަންދުކުރަން ނިންމާފައި މިވަނީ ފަތުރުވެރިކަމުގެ ސަބަބުން އެ ގޮނޑުދޮށަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތައް ހުއްޓުވައި އެ ސަރަހައްދުގެ ފަރުތަކާއި ކަނޑުގެ ދިރުންތައް އަލުން ދިރުވުމަށް ވަގުތު ދިނުމަށްކަމަށް ތައިލޭންޑްގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މާޔާ ބީޗްގެ އިތުރުންވެސް ތައިލޭންޑްގެ ހުރިހާ މެރިން ޕާކްތަކެއްވެސް ވަގުތީކޮށް ބަންދުކުރުމަށް އެގައުމުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން މަޔާ ބީޗްއަކީ ފަތުރުވެރިންނަށް އާންމުކޮށް ހުޅުވާލެވިފައި އޮންނަ ތަނެކެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސަބަބުން އެ ސަރަހައްދުގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ތައިލޭންޑްގެ އޮފިޝަލުން ބުނާގޮތުގައި ބައެއް ފަހަރު ތިމާވެށި ރައްކާތެރިކޮށް އަލުން ދިރުވުމަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ މުޅި ސަރަހައްދު އެއްކޮށް އިންސާނުންނަށް ބަންދުކުރުންކަމުގައި ބުނެފައެވެ.

ތައިލޭންޑްއަކީ އަހަރެއްގެ މައްޗަށް 35 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ ފަތުރުވެރިކަމަށް ދުނިޔޭގެ އެންމެ މަގުބޫލު އެއް ގައުމެވެ.

ތައިލޭންޑްގެ ޖާދުވީ މާޔާ ބީޗް އެންމެ ފުރަތަމަ މަޝްހޫރުވެގެންދިޔައީ ފިލްމީ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ ހަރަކާތްތެރިވެދިން ފިލްމް، "'ދަ ބީޗް" އިންނެވެ. އެ ފިލްމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔެއްގެ މެދުގައި މާޔާ ބީޗް މަގުބޫލުވެގެންދިޔައިރު އެފަދަ ދެވަނަ ގޮނޑުދޮށެއް ދުނިޔޭގެ އެހެން ތަނަކުން ފެންނާނީ މަދު ފަހަރަކުކަމަށް އެތަން ހަމަލޮލުން ދެކޭ ފަރާތްތަކުން ބުނެއެވެ.