އިނގިރޭސި ވިލާތުގެ މެންޗެސްޓާގައި ހުރި ޒަމާންވީ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ކެނަބިސް ފާމެއް ހުއްޓައި ފެނިއްޖެ އެވެ.

މީގެ 6 އަހަރު ކުރިން އެ ސިޓީގެ ފުލުހުން ބޭނުން ކުރަމުން އައީ މި އިމާރާތް ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ފުލުހުން ވަނީ އެހެން ތަނަކަށް ބަދަލުވެފައެވެ. އެހެންކަމުން މި ސްޓޭޝަން ހުރީ ފަޅަށެވެ.

ހެނދުނު ޑިއުޓީ އަށް ނިކުމެ އުޅުނު ދެ ފުލުސް އޮފިސަރަކު ބާވެފައި ހުރި އެ ސްޓޭޝަން ކުރިމަތިން ދަމުން އެ ތަން ރަނގަޅަށް ތަޅު ނުލެވި ހުރުމުން އެތެރެ ބަލައިލުމަށް ވަތް އިރު 1000 ވަރަކަށް ކެނަބިސް ޕްލާންޓް ނުވަތަ ވީޑް އިންދާފައި ހުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކެނަބިސް ފާމް ފެނުން ޕޮލިސް ސްޓޭޝަން

ފުލުހުން އެތަނަށް ވަނުމުގެ ކުރިން އެތާ އުޅުނު މީހުން ގިނަ އަދަދެއްގެ ވީޑް އެތަނުން ބޭރު ކޮށްފައި ވާއިރު، ލައިޓު ސިސްޓަމް ތަކާއި، ވީޑް ހެއްދުމަށް ބޭނުން ކުރާ އެނޫންވެސް ސާމާނު އެތަނުގެ ތެރެއިން ވަނީ ފެނިފަ އެވެ.

ބެލެވޭ ގޮތުގައި އެކަން ކުރަމުން އައި މީހުން ދިރި އުޅެމުން އައީވެސް އެ ބާ އިމާރާތުގެ ތެރޭގައެވެ. އެއީ އަގުބޮޑެތި ސާމާނު ތަކާއި އެތައް މިލިއަން ޑޮލަރެއްގެ ވީޑު އެތާ އެތެރޭގައި ހުރުމުންނެވެ.

ނަމަވެސް މިކަމާއި ގުޅިގެން ބައެއް މީހުން އަންނަނީ އެއީ ފުލުހުންގެ "ސްޕެޝަލް ބްރާންޗް" އެއް ކަމަށް ބުނެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ކަން ފާހަގަކޮށްލެވެ އެވެ.

ކެނަބިސް، ވީޑު މަރުވާނާ އަކީ އިނގިރޭސި ވިލާތުގެ ގާނޫނުގައި ކްލާސް ބީ ޑްރަގެއް ގޮތުގައި ކަނޑައަޅާފައިވާ އެއްޗެއް ކަމުގައި ވާއިރު އޭތި ހައްދައި އުޅޭ މީހުންނަށް 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.