ރަޝިއާގައި އޮންނަ "ސައިބީރިއަން މޯލްޑިވްސް" ގެ ނަން މިހާރު ދީފައިވާ ކޯރު ތަޣައްޔަރުވި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ރަޝިއާގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.

މި ކޯރަށް ދިވެހިރާއްޖޭގެ ނަން ދީފައި ވަނީ އެތަނަށް ޒިޔާރަތް ކުރާ މީހުންނެވެ. އެއީ ކޯރު ވިލު ނޫކުލައިގައި އޮންނާތީއެވެ. ކޯރުގެ ފެންގަނޑަށް ބަލާލުމުން ހީވަނީ ދިވެހިރާއްޖޭގެ މޫދު ފެންނަ ހެންނެވެ.

ރަޝިއާގެ ނޮވިސިބިސްކް ސަރަހައްދުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިންޑަސްޓްރިއަލް ކުނިބުނި ކޯރަށް އެޅުނު ގޮތް ތަޙްޤީޤުކޮށް އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްނަމަ އެފަރާތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަށަވަރު ކުރާނަން ހުރިހާ ކަމެއް ވެސް ކުރިއަށް ގޮސްފައި ވަނީ ޤާނޫނާއި އެއްގޮތައްތޯ. އަދި ޤާނޫނުގައި ބުނާ މިންގަނޑަށް ކަންކަން ރާވާ އިންތިޒާމް ކުރެވިފައި ވޭތޯ." ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ކޯރަށް ވިހަ ގޭސް ބޭރުކޮށް، ކޯރު ތަޣައްޔަރު ކޮށްފައި ވަނީ ސައިބީރިއަން ޖެނެރޭޓިން ކޮމްޕެނީންނެވެ. އެސަރަހައްދުގެ އިންޖީންގެއަކުން ބޭރު ކުރި ވިހަ ގޭސްތައް ކޯރަށް އެޅިފައި ވާތީ އެކޯރަށް ނޭރެން ވަނީ އިލްތިމާސް ކޮށްފައެވެ.

ނަމަވެސް މިނިވަން ތިން ލެބޯޓްރީ އަކުން ކުރި ތަހްލީލްތަކުން ދައްކާ ގޮތުގައި އިންސާނުންގެ ފުރާނައަށް ނުރައްކާ ވާވަރުގެ ގޭހެއްގެ އަސަރެއް ކޯރުގައި ނެތެވެ. ކޯރުގައި ހުރީ ބައެއް މީހުން އެލާޖިކް ވެދާނެ ގޭހެއްގެ އަސަރެވެ.

މިކޯރުގެ ފޮޓޯތައް އާއްމުވުމާއި އެކު "ދިވެހިރާއްޖެ" ގެ ނަން ރަޝިއާގެ މީޑިއާތަކުންނާއި ބައިނަލްއަޤުވާމީ މީޑިއާތަކުން ބޭނުން ކުރުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާސިމް

    ރަޝިއާގައި އޮންނަ "ދިވެހިރާއްޖެ" ތަޣައްޔަރުވި މައްސަލަ ތަޙްޤީޤު ކުރަން ރާއްޖޭގެ ފަޑިޔާރުން ރަނގަޅު ވާނެ

    14
    1
  2. Anonymous

    އާ.ރަގަޅު..ކާވެނި ކޮށްދޭން އަންނަންވީވެސް ރަޝިޔާގެ ފަޑިޔާރުން..އިހުލާސްތެރިވެފަ ފުމޭލެއްވެސް ވަރުގަދަވާނެ..

    10
    1