ޓީވީ ރިމޯޓް ނުފެނިގެން އެ ރިމޯޓު ހޯދައިދިނުމަށް ޖޯޖިޔާގެ މީހަކު ފުލުހުންނަށް 100 ފަހަރަށްވުރެ ގިނަ ފަހަރު ގުޅައިފި އެވެ.

ޖޯޖިޔާގެ ފުލުހުން ބުނެފައިވަނީ 62 އަހަރުގެ މިމީހާ ފުލުހުންނަށް މިދިޔަ 3 އަހަރު ތެރޭ "ބޭކާރު" ކަންކަމުގައި 118 ފަހަރު ގުޅާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިމީހާ ފުލުހުންނަށް ގުޅަނީ ކަމަކުން ކަމަކާއި ލައިގެން ނޫން ކަމަށާއި ފުލުހުންގެ އެމެޖެންސީ ނަންބަރަށް ގުޅައި ވަރަށް ގިނައިން މިމީހާ "ޖެއްސުން" ކުރާ ކަމަށެވެ.

ފުލުހުންނާއި ހަވާލާދީ ޖޯޖިޔާގެ މީޑިޔާތަކުން ބުނެފައިވަނީ މިމީހާ ފުލުހުންގެ އެމެޖެންސީ ނަންބަރު 119 އަށް ގުޅާ އެމެޖެންސީ އެއް އޮތް ކަމަށް ބުނާ ކަމަށާއި އެގެޔަށް ދިއުމުން ޓީވީ ރިމޯޓް ހޯދަން ނޫނީ ކިރު ދަޅު ގެނެސް ދިނުމަށް ފުލުހުން ކިބައިން އެދޭ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ގުޅާ ކޮންމެ ފަހަރަކު ފުލުހުން ކުށުގެ ވެއްޓަށްދަނީ ތައްޔާރީ ހާލަތުގައި ކަމަށާއި ދިމާވެދާނެ ނުރައްކަލަކަށްޓަކައި މުޅި ޓީމްވެސް ބައެއް ފަހަރު އެލާޓްއަށް ގެންނަ ކަމަށެވެ.

ފުލުހުން މި 62 އަހަރުގެ މީހާގެ މައްޗަށް ފުލުހުންނަށް ތަކުރާރުކޮށް "ޖެއްސުން" ކުރުމުގެ ކުށުގައި އިންޒާރެއް ވަނީ ދީފައެވެ.

މިއިންޒާރުގައި ފުލުހުން ބުނެފައިވަނީ މީގެ ފަހުން އެމެޖެންސީ ހާލަތެއްގައި ނޫން ގޮތަކަށް ފުލުހުންނަށް ގުޅައިގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއް ކޮށްފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު