ލޯބިވެރިޔާ އެކު އުޅުމަށް ފިރިމީހާ މަރާލުމަށްފަހު ހަށިގަނޑުގެ ބައިތަށް ކޮށާ ކުދިކުރުމަށް ފަހު އުކާލައިފިއެވެ.

އިންޑިއާގެ ޕަތްނާގައި މިދިޔަ ހޯމަ ދުވަހު މިކަން ކޮށްފައިވާއިރު މިކަން ކުރުމުގައި ބައިވެރިވެފައި ވަނީ މަރާލި ފިރިހެން މީހާގެ އަންހެނުންނާއި އޭނާގެ ލޯބިވެރިޔާއެވެ.

ފިރިމީހާ މަރާލާފައިވަނީ ހޯމަދުވަހުގެ ރޭ އޭނާގެ ފިހާރަ ބަންދުކުރުމަށް ފަހު ގެއަށް އައިސް ނިދާފައި އޮއްވައެވެ.

މި މައްސަލައިގައި މިހާރު އެ އަންހެންމީހާ އާއި އޭނާގެ ލޯބިވެރިޔާ ހައްޔަރުކޮށްފައިވާއިރު ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ފިރިހެންމީހާ މަރާލުމަށް ފަހު ބައެއް ބައިތަށް ވަނީ އެ ގޭގެ ފާހާނައަށް އަޅައި އަނެއް ބައިތަށް ކޮތަޅަކަށް އަޅައިގެން ކޯރަކަށް އުކާލާފައެވެ. މިކަން އެ ދެމީހުން ކޮށްފައިވަނީ ހެކިނައްތާލުމުގެ ގޮތުންނެވެ.

މަރާލެވުނު މީހާގެ ބައެއް ގުނަވަންތައް މިހާރު ފެނިފައިވާއިރު އަދިވެސް އެމައްސަލަ ތަހުޤީގު ކުރަމުންދާ ކަމުގައި ފުލުހުން ބުނެއެވެ. މަރާލެވުނު ފިރިހެންމީހާއަކީ އުމުރުން 30 އަހަރުގެ ގޯޕާލް ޕަރަސަދްއެވެ. އޭނާއަކީ އޭނާގެ އަވަށުގައި މަޝްހޫރު ވިޔަފާރިވެރިއެއް ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު