ދުނިޔޭގައި މިވަގުތު ހުރި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ވެސް މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭސްޓްސް އަށް ގެއްލިއްޖެއެވެ. ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގޭޓްސް އަށް ގެއްލުނީ ލަގްޒަރީ މުދާ ވިއްކާ ކުންފުންޏެއް ކަމަށްވާ އެލްވީއެމްއެޗްގެ ޗެއާމަން އަދި ސީއީއޯ ބާނާޑް އެނޯލްޑް ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމަށް އެރުމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ބާނާޑްގެ މިލްކިއްޔާތު ވަނީ 108 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައި ކަމަށް ބްލޫމްބާގްގެ ބިލިއަނާސް އިންޑެކްސް ބުނެއެވެ. އެއީ ކޮންމެ ދުވަހަކު އަޕްޑޭޓް ވަމުންދާ އިންޑެކްސް އެކެވެ. ގޭސްޓްގެ މިލްކިއްޔާތުގައި ހުރި ކަމަށް ވަނީ 107 ބިލިއަން އެމެރިކާ ޑޮލަރެވެ.

ބާނާޑް އަކީ ބިލިއަނަރުންގެ ތެރެއިން މިއަހަރު އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ވިޔަފާރިވެރިޔާ އެވެ. މިއަހަރު ފެށުނު ފަހުން ވެސް އޭނާގެ މިލްކިއްޔާތައް 39 ބިލިއަން އެމެރިކާ ޑޮލަރު އިތުރު ވެފައިވެއެވެ.

ބާނާޑްގެ ކުންފުނިން އަގުބޮޑެތި އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރެމުން އަންނަތާ މިހާރު 30 އަހަރު ވެއްޖެއެވެ. ދުނިޔޭގެ ނަން މަޝްހޫރު އަގުބޮޑެތި އެތައް ބްރޭންޑެއްގައި އެކުންފުނިން ބާޒާރަށް ތަފާތު ބާވަތްތައް ނެރެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ މިހާރު ވެސް އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް އެވެ. އޭނާގެ މިލްކިއްޔާތުގައި 125 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ކުރިން އެންމެ މުއްސަނދި މީހާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ދެމެހެއްޓި ގޭސްޓް އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލުނީ އޭނާ ހައިރާތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެކި ފަރާތްތަކަށް ހަދިޔާ ކުރަން ފެށުމުންނެވެ. ގޭސްޓް އާއި އޭނާގެ އަނބިމީހާ މެލިންޑާގެ ފައުންޑޭޝަނުން ވަނީ 35 ބިލިއަން އެމެރިކާ ޑޮލަރު އެކި ފަރާތްތަކަށް ހަދިޔާ ކޮށްފައެވެ.