ފާއިތުވި ދެތިން ދުވަހު މުޅި މީސް މީޑިއާ ފުރިފައި އޮތީ "ފޭސްއެޕް" ގެ ފޮޓޯތަކުންނެވެ. ދިވެހިންގެ މެދުގައި ވެސް މި އެޕްލިކޭޝަން ވަރަށް ބޮޑަށް މަގުބޫލް ވެއްޖެއެވެ. ފޮޓޯ އެޑިޓްކޮށް މީގެ އަހަރުތަކެއް ފަހުން ތިމާ މުސްކުޅިވެފައި ހުންނައިރު ހުންނާނެ ގޮތް އެޕްލިކޭޝަނުން ދައްކުވައި ދޭތީ އެކަން ވެފައި މިވަނީ ވަރަށް މަޖާ ކަމަކަށެވެ. ނަމަވެސް މިމަޖާ ކަމާއި އެކު ދެން ފެތުރިގެން ދިޔައީ ކަންބޮޑުވާ ފަދަ ޚަބަރެކެވެ. މި އެޕްލިކޭޝަން ބޭނުން ކުރާ މީހުން ޒާތީ މައުލޫމާތުތައް ވަގަށް ނަގަމުން ގެންދާ ޚަބަރެވެ.

މިޚަބަރު ފެތުރިގެން ދިޔައީ ފްރާންސްގެ ވެބް ޑިވެލޮޕަރަކު ކުރި ޓްވީޓަކާއި ގުޅިގެންނެވެ. "ފޭސްއެޕް" އިން ފޯނުގައި ހުންނަ ފޮޓޯތައް "ވަގަށް ނަގާ" އަދި ފޭސް ރިކޮގްނިޝަން ދިރާސާތައް ކުރުމަށް ބޭނުން ކުރާ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރެއެވެ.

އެހުރިހާ ތުހުމަތެއް "ފޭސްއެޕް" އިން ދޮގު ކުރެއެވެ. "ފޭސްއެޕް" އިން ނެރުނު ބަޔާނެއްގައި ބުނީ އެޑިޓް ކުރުމަށް ބޭނުން ކުރާ ފޮޓޯ ބައެއް ހާލަތްތަކުގައި 48 ގަޑިއިރު ވަންދެން ޑްރައިވްގައި ސޭވް ކުރި ނަމަވެސް އެފޮޓޯތައް ޑިލީޓް ކުރަމުން ގެންދާ ކަމަށެވެ. އެއްވެސް ޒާތީ މަންފާއެއް ހޯދަން ފޮޓޯތައް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން އެ އެޕްލިކޭޝަނުން ދެއެވެ.

އެހެންކަމުން އިތުބާރު ހިފޭ ޓެކް ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތައް ބުނާ ގޮތުގައި މި އެޕްލިކޭޝަން ބޭނުން ކުރުމަކީ މައްސަލައެއް ކުރިމަތިވާނެ ކަމެއް ނޫނެވެ.

"ފޭސްއެޕް" އަކީ އާ އެޕްލިކޭޝަނެއް ނޫނެވެ. މީގެ ދެއަހަރު ކުރިން ވެސް އެ އެޕްލިކޭޝަންގެ ޚަބަރުތައް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައެވެ. އެފަހަރު މައްސަލަ ގޯސްވީ އެޕްލިކޭޝަންގެ ފިލްޓަރުތައް އެތިކްސް އާއި ހިލާފު ކަމަށް ބުނެ ބަޔަކު އަޑުއުފުލަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    ދޮގު ވާހަކައެއް. މި އަކުން ނުރައްކަލެއް ނެތް

    1
    1
  2. ވަކަރު

    ފޭސްބުކް ޓުވިޓާ ބޭނުންކޮށްގެން ނުވާ ގެއްލުމެއްނުވާނެ ތިއެއްޗަކުން. ތިޔަ ވާހަކައަކީ އެމެރިކާގެ ޕުރޮޕެގެންޑާއާއިބެހޭ އޮފީހުން ފަތުރާ ވާހަކައެއް.

    1
    1