މީގެ ތިން ދުވަސް ކުރިން ރީމާގެ ފޯން ކޯލެއް އަހަރެންނަށް ލިބުނެވެ. ރީމާއަކީ އޭނާ ކާވެނިކުރުމާއި ހަމައަށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ހުރިހާ ކަމެއް ދިޔައީ އަހަރެންނާއި ހިއްސާ ކުރަމުންނެވެ. ނަމަވެސް މީގެ ދެތިން އަހަރު ކުރިން އޭނާ ކުރި ކާވެންޏާއެކު އަހަރެންނަށާއި، ރީމާގެ އާއިލާއަށް ވެސް ރީމާ ގެއްލުނެވެ.

ރީމާ ކައިވެނި ކުރީ އޭނާގެ ބައްޕަގެ ރަހުމަތްތެރިއެއްގެ ދަރިއަކާއެވެ. ނަމަކީ އަހްސަން އެވެ. އޭނާއާއި ގުޅޭ މާގިނަ މައުލޫމާތެއް އަހަރެންނަކަށް ވެސް އަދި ކާވެނިކުރުމާއި ހަމައަށް ރީމާއަކަށް ވެސް ނޭނގެއެވެ. އެނގުނު އެއްޗަކީ އޭނާއަކީ ރާއްޖެ އިން ބޭރުން ތައުލީމް ހާސިލްކޮށްގެން ހުރި ޒުވާނެއް ކަމެވެ. ކިޔަވައިގެން މާލެ އައިސް ރާއްޖެ އިން ބޭރަށް މަސް ބޭރުކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާ އެކު ކުރަމުން އަންނަ ކަމެވެ. ދީނަށް ލޯބި ކުރާ ޒުވާނެކަމަށް ވެސް އެނގިފައި ވެއެވެ.

ކޮންމެއަކަސް އަހްސަނާއި ކައިވެނި ކުރަން ރީމާގެ މައިންބަފައިން އެދުމުން ދެކޮޅު ހެދުމެއް، އަދި މާބޮޑަށް ތާއިދު ކުރުމެއް ވެސް ނެތި ރީމާ މައިންބަފައިންގެ ބަސް ގަބޫލު ކުރިއެވެ. ރީމާއަކީ އެއްވެސް އިރެއްގައި އެއްވެސް ކަމަކާއި ދެކޮޅު ހަދާ ޖަދަލު ކުރާ ޒާތުގެ ކުއްޖެއް ނޫނެވެ. ކައިވެނި ޕާޓީން ރީމާއާއި ބައްދަލުވި ފަހުން ދެން ރީމާގެ ފޯން ކޯލެއް ވެސް އަހަރެންނަށް ލިބުނީ މިދިޔަ އަންގާރަ ވިލޭރޭގައެވެ.

ރާއްޖެ އިން ބޭރުގެ ނަމްބަރަކުން އައި ވައިބާ ކޯލެއް އަހަރެން ނެގީ ހަމަ އާދައިގެ ފޯން ކޯލެއް ނަގާ އުސޫލުންނެވެ. އަހަރެން ދެތިން ފަހަރަކު ހަލޯ އޭ ބުނުމުން ވެސް ޖަވާބެއް ނުލިބުމުން ފޯން ބާއްވަން އުޅެނިކޮށް އެކޮޅުން ހަލޯ އޭ ބުނުމާއެކު އަހަރެންގެ ފައިތިލަ ފެށިގެން ބޮލާ ހަމައަށް ފާޑެއްގެ ފިނިގަނޑެއް އަރައިގެން ދިޔައެވެ.

އެ އިވުނީ ރީމާގެ އަޑެވެ. އޭނާ އަހަރެންނަށް ފިލައިގެން ދިއުމުން ހިތުގައި އުފެދިފައި އޮތް ހުރިހާ ނުތަނަވަސް ކަމެއް މަތިން ހަނދާން ނައްތާލުމަށް ފަހު އަހަރެންނަށް ބުނެވުނީ "ރީމާ!" ޖަވާބުގައި އެކޮޅުން "ޝާނީ! އަހަރެންނަށް މަޢާފް ކުރޭ." އޭ ބުނުމާއި އެކު ރޯން ފަށައިފިއެވެ.

ވެގެން އުޅެނީ ކީއްތޯ އާއި ތިއުޅެނީ ކޮންތާކުތޯ އަހަރެންނަށް ސުވާލު ކުރެވުނެވެ.

ރީމާގެ ވާހަކަ އެހިސާބުން ފަށައިގަތެވެ. އަހްސަންއާއި އެކު ރީމާ ހަނީމޫނަށް ދާން ނިންމީ ބާލީ އަށެވެ. ނަމަވެސް އަހްސަން ދާން ބޭނުންވީ ތުރުކީ އަށެވެ. ކުޑައިރުއްސުރެ އަހްސަން ދާން ބޭނުންވާ ގައުމެއް ކަމަށާއި، އަދި މިހާރު ތުރުކީގައި އޭނާއަށް ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ މާކެޓެއް ވެސް އެބައޮތް ކަމަށް ބުނެ ރީމާއާއި އެތައް ވާހަކައެއް ދައްކައިގެން ހަނީމޫނަށް ތުރުކީއަށް ދާން ނިންމިއެވެ. ނަމަވެސް އެއްވެސް މީހަކު ކައިރީގައި އެވާހަކަ ނުބުނަން ޝަރުތުކޮށްފައެވެ. އެޝަރުތު ކުރީ ކީއްވެ ކަމެއް އޭރު ރީމާއަކަށް ނޭނގެއެވެ.

ތުރުކީއަށް އެތެރެވެ، އިސްތަންބޫލް އިން އަހްސަން ބަޔަކާއި ބައްދަލު ކުރިއެވެ. އަހްސަން އެމީހުންނާއި ބައްދަލުކޮށް ވާހަކަދެއްކީ އަރަބި ބަހުންކަމަށް ވާތީ ރީމާއަށް އެއްވެސް އެއްޗެއް ނޭނގުނެވެ. ދެ ދުވަހު އިސްތަންބޫލްގެ ހޮޓަލެއްގައި މަޑުކުރި ނަމަވެސް ހަނީމޫނަށް ގޮސް އުޅޭ ދެމަފިރިންހެން ތަންތަން ބަލާލަން ނިކުންނަން އަހްސަން ބޭނުމެއް ނުވިއެވެ.

ތިންވަނަ ދުވަހު ޖިޕެއްގައި އަހްސަން ދަންނަ އިތުރު ދެމީހަކާއި އެކު ދަތުރެއް ފަށައިފީމެވެ. ގާތްގަނޑަކަށް 20 ވަރަކަށް ގަޑިއިރު ދުއްވުމަށް ފަހު ޖިޕުން ފައިބައިފިއެވެ. އެހިސާބުން ދެން ފެށީ ހިނގާށެވެ. އެހިސާބުން ކަންތައްތައް ގޯސްވާން އުޅޭ ކަމުގެ އިހްސާސް ރީމާއަށް ކުރެވެން ފަށައިފިއެވެ.

ސުވާލު ކުރުމުން އަހްސަން ބުނީ މިދަނީ ސީރިއާއަށް ކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތީ އޭރުން ކަމަށެވެ. ރޮއެ ގަތުމުން ވެސް އަހްސަންގެ ސަމާލުކަމެއް ރީމާއަކަށް ނުލިބުނެވެ. ވަށައިގެން އޮތް އަނދިރިކަމުގެ ތެރޭގައި އަހްސަނާއި އޭނާގެ އެކުވެރިން ރީމާ ދަމާފައި ވަރަށް ދުރަށް ހިނގުމަށް ފަހު އަނެއްކާވެސް ވެހިކަލަކަށް އަރުވައިފިއެވެ. އެހާ ހިސާބުން އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ނަމަވެސް ރީމާގެ ރުއިމަކަށް މަޑުޖެހުމެއް ނާދެއެވެ.

ދެން ގެންގޮސް ރީމާ ވެއްދީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް ސަރަހައްދެއްގައި ހުރި ގެއަކަށެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އަހްސަން ދިޔައީ ހަނގުރާމައަށެވެ. އޭގެ ފަހުން ދެފަހަރަކު އޭނާ އެނބުރި އައެވެ. ނަމަވެސް ފަހުން ޚަބަރެއް ނުވެއެވެ.

އަހްސަން ގެއްލުނުތާ މަހެއްހާ ދުވަސް ފަހުން ރީމާ ބަނޑުބޮޑުކަން އެނގުނެވެ. އެސަރަހައްދުގައި އުޅޭ މީހުން ރީމާއަށް ވެސް ލިބޭ މިންވަރަކުން ކާބޯތަކެތި ދީ އުޅެއެވެ. ނަމަވެސް ގިނަ ފަހަރަށް ހުންނަން ޖެހެނީ ބަނޑަށެވެ. އެއީ ކާއެއްޗެއް ލިބޭނެ ގޮތެއް ނެތިގެންނެވެ. ލިބިފައިވާ އެކަނިވެރިކަމާއި، ބިރުވެރިކަން ހަނދާނަށް އައުމުން ރުއިން ނޫން އިތުރު ކަމެއް ނުކުރެވެއެވެ. ރީމާގެ ދަރިފުޅު ދުނިޔެއަށް ނޭވާލުމާއެކު ކުރިން ލިބުނު ހިތާމައަށް ވުރެ އޭނާގެ ހިތާމަ ބޮޑުވިއެވެ.

އެއީ ދަރިފުޅު ބޮޑުކުރާނެ އެކަށީގެންވާ މާހައުލެއް ނެތުމުންނެވެ. ދަރިފުޅަށް ބައްޕައެއްގެ ލޯބި ލިބެން ނެތް އިރު މަންމަގެ ލޯބިވެސް ދެވެން ނެތުމުންނެވެ. ދަރިފުޅަށް ލޯބި ދީގެން އެކަށީގެންވާ ގޮތެއްގައި ބޮޑު ކުރެވޭ ވަރަށް ވުރެ މަންމަގެ ހާލަތު ދެރައެވެ.

"ދައްކަވަން ހުރި ތަނެއް ދައްކަވާނެ" ކަމަށް ގަބޫލުކޮށް ހެޔޮ ދުޢާކޮށް ނަމާދުކުރުން ފިޔަވައި އިތުރު ކަމެއް ރީމާ ނުކުރެއެވެ.

ދެން ކުރިމަތިވީ މާބިރުވެރި ކަމެކެވެ. އެސަރަހައްދުގައި އުޅޭ ފިރިހެނުންގެ އުފާ ހޯދާ މުދާގަނޑަކަށް އޭނާ ވީއެވެ. ކޮންމެ ދުވަހަކު ދެތިން ހަތަރު ފިރިހެނުންގެ ޖިންސީ އަނިޔާގެ ޝިކާރަކައަކަށް އޭނާ ވިއެވެ. ގަދަކަމުން އެމީހުން ކުރާ ކަމެއް ކުރާއިރު ރީމާ ދެކޮޅު ހަދަން ކުރާ އެއްވެސް ކަމަކުން ކާމިޔާބެއް ނުލިބެއެވެ.

ކާކުކަން ނޭނގޭ މީހެއްގެ ދަރިއަކަށް ރީމާ އަނެއްކާ ވެސް ބަލިވެ އިނދެ ވިހައިފިއެވެ.

ދަރިންނާއި އެކު ފިލައިގެން ދާން ރީމާ އެތައް ފަހަރަކު މަސައްކަތް ކުރި ނަމަވެސް އެސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ވަރު ވަރުގަދަ ކަމުން އެކަން ކާމިޔާބެއް ނުވިއެވެ.

ނަމަވެސް މީގެ ހަތަރު ވަރަކަށް މަސް ދުވަސް ކުރިން އެސަރަހައްދުގެ ފިރިހެނުން ހަނގުރާމައަށް ގޮސް ހުސްވުމުން އެސަރަހައްދަށް "އަމާންކަން" ލިބުނެވެ. ދެން އެތަނަށް އައީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. މިހާރު ރީމާ ހުރީ އެމީހުންގެ ހިމާޔަތުގައެވެ.

މޯބައިލް ފޯނަކުން އާއިލާއަށް ގުޅާލުމުގެ ފުރުސަތު ފުރަތަމަ ލިބުމުން ރީމާ ގުޅީ އަހަރެންނަށެވެ. މައިންބަފައިންނަށް ގުޅާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތީއެވެ.

މިވަގުތު ކޮންމެވެސް ވަރެއްގެ ހިމާޔަތެއްގައި ހުރިނަމަވެސް ހާލަތު ބަދަލުވެ އަނެއްކާ ވެސް އަނދިރި ދުވަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން ވެސް އޭނާގެ ހިތުގައި އުފެދިފައި އެބައޮތެވެ. މިއަދު މީހަކަށް ގުޅާލުމުގެ ފުރުސަތު ލިބުނު ނަމަވެސް ދުވަހަކު ވެސް ދެން ރާއްޖެ އާދެވިދާނެ ކަމުގެ އުއްމީދެއް އޭނާގެ ނެތެވެ.

ދުވަހަކު ހަނދާން ނައްތާލަން ބޭނުން ނުވާ އުފާވެރި ހަނދާންތަކެއް ހޯދަން ކުރި ހަނީމޫން ދަތުރު އަޑި ފެންނަން ނެތް އަނދަވަޅަކަށް ވެއްޓި މިގޮތައް ނިމިގެން ހިނގައިދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

މިލިޔުމުގައި ބޭނުން ކޮށްފައިވާ ރީމާގެ ނަމަކީ ޚިޔާލީ ނަމެކެވެ. ނަމަވެސް ލިޔުމުގައި ހުރި އެހެން ހުރިހާ ވާހަކަތަކަކީ ހަޤީޤަތެކެވެ. ނަން ސިއްރު ކޮށްފައި ވަނީ އަންހެން މީހާގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފަހުދާ

    ސިންޕަތީ ހޯދަން ޖައްސާ ސަޓަަންޓު.......ތި އަންހެން މީހާ މަރަން ޖެހޭނީ...ހަނގުރާމަ ވެރި އެއް..އަދި އިއްފަތެއް ނެތް މީހެއް.

    17
    204
    • ޙައްޤު

      ދިވެހި ގިނަ ޒުވާނުންނަކީ އިއްފަތްތެރި ބައެއް ނޫން..

      134
      6
    • ސަހުދާ

      އޭގަ އެ އަންހެން ކުއްޖަގެ ކުށެއް ކޮބާ ؟ ކޮން ގޮތަކައްތިވިސްނަނީ ... އޭނަ ހުރި މަގާމުގަ ތީނަ ހުރިނަމަ ހަމަ ތިހެންތަ ބުނާނީ....އެ އަންހެން ކުއްޖަ އަކައްނޭންގެ ދޯ އެހެން ވާނެ ކަމެއް.... ތީނަވެސް ތީނަ ފިރިމީހާ އައް އިތުބާރު ކުރާނެ .....

      161
      7
      • ފަހުދާ

        އެއަން މީހާ އަށް ސުވާލު ކުރެވޭނެ ....ގަދަ ވެސް ހެދޭނެ.. އަދި މިގޮތައް ކިތަންމެ ކަމެެއް....ތި އަންހެން މީހާ ވެސް ބޭނުން ވެގެން ރޭވިގެން ތި ކަންތައް ކޮއްފަ އޮއްކަމަށް ފާހަގަ ވޭ.

        10
        78
    • ޢަލީ

      ފިރިހެނާއަށް ނައުނަތްހުރި

      28
      5
  2. ސީރިޔާއިން

    މިތާ ދިވެއްސަކަށް ތިހެންދިމާވި އެގިފައެއްނެތް. މިތާ އުޅޭ ހުރިހާ ދިވެހިން މަށަށް އިގޭ

    35
    82
  3. އ. ޖ. އ

    ދެތިން އަހަރު ކުރި ދޯ

    36
    3
    • ޕސޓ

      ކާކުގެ ވެރިކަމެކޭ

      5
      23
  4. އ. ޖ. އ

    މީގަ އުޅެނީ ތި ޝާނީ ތަ

    25
    7
  5. އަންނި

    މީޝާނީގެ ކަމެއްދޯ

    28
    4
  6. ބާގީ ލުތުފީ

    ރީމާ މަ އިދެ ފާނަން ތީނަ ޔާ!..ޝާނީ މި މެސެޖު ފޯރު ކޮއްދިނުން އެދެން..

    25
    6
  7. ހުދުހުދު

    ލިޔާނެ އެއްޗެއް ނޭގިގެންތަ ޝާނީ ތިއުޅެނީ.

    14
    16
  8. ހަތްބޯރާހި

    ތި އިންސާނީ އެހީ ދޭ މީހުންކައިރީގައި ބުނަނަވީނު ރީމާ ރާއްޖެގެ ސަރުކާރާއި ހަވާލު ކޮށްދޭށޭ

    35
    2
  9. ވަގުތު ހޭޓަރ

    މަ ބޭނުން ތި ޝާނީ.. ކޮބާ ކުދިން ކޮޅު

    20
    3
  10. އ. ޖ. އ

    އިބާރާތުގެ ކުށް ރަނގަޅު ކުރީތީ ޝުކުރިއްޔާ

    16
    1
  11. Anonymous

    ޚިޔާލީ ވާހަކަތަކެއްގެ މައްޗައް ބީނާކޮއް މީހުން މަގުފުރައްދަންވެގެން އުޅޭ ބައެއްމީ.

    12
    22
    • ހަގީގަތް

      މަށަށް ވެސް މި ވައްތަރީ ހިޔާލީ އެއްޗަކާ. ކުރިންވެސް ކޮންމެވެސް އެއްޗަކުން ކިޔާފަ އޮތް އެއްޗެއްމީ

      9
      12
  12. ާތަހުމީނާ

    ތީތެދެއް ހޭސުވާލަކީ

    10
    3
  13. އަހުމަދު

    ލަދުން ބޯހަލާކުވެދާނެ. ހަގީގީ ހާދިސާއެކޭ ކިޔާފަ ވާހަކައެއް ލިޔުނީމަ، އެކަމާވިއްޔަ އެ ކޯޅެނީ. ވެލްކަމް ޓު މޯޑިސް.