އިންޑިއާގެ ހުޅަނގުގެ ބައެއް ސްޓޭޓުތަކުގެ ބައެއް އަވަށްތަކުގައި ކައިވެނިނުކޮށް އުޅޭ އަންހެނުން ފޯނު ބޭނުން ކުރުން މަނާކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަވަށްތަކުގައި ފޯނު ބޭނުން ކުރުން މަނާކޮށްފައި ވަނީ ގުޖްރާތުގެ ބަނަސްކަންތަ ޑިސްޓްރިކްޓްގެ ތަކޮރް ކައުންސިލްއަށް ނިސްބަތްވާ ވެރިންނެވެ.

މިގޮތަށް ކަންތައްކޮށްފައި ވަނީ އެ ކުދިން ކިޔެވުމަށް ތަންދިނުމާއި، އެ ކުދިން އެހެން އަވަށެއްގެ ބަޔަކާއި ކައިވެނި ކުރުން ހުއްޓުވުމަށް ކަމަށް ވެއެވެެ.

މިއީ 2019 ވަނަ އަހަރެއް ކަމަކު ތަކޮރް ކައުންސިލްއަށް ނިސްބަތްވާ މީހުން މިކަމާއި ވަރަށް ސީރިއަސްއެވެ.

އެ ކައުންސިލްގެ ލީޑަރު ބުނީ، އެކަން ފާސްކޮށްފައި ވަނީ ޖުލައި 14 ވަނަ ދުވަހު އެ ކައުންސިލްގެ 12 ވިލޭޖަކަށް ނިސްބަތްވާ އިސްވެރިން އެއްކޮށްގެން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ކަމަށެވެ.

މިކަން ފާސްވުމާއެކު، މައިންބަފައިން އެ މީހުންގެ އަންހެން ދަރިން އަތަށް ފޯނުން ދިނުން ވަނީ މަނާވެފައެވެ. އަދި އެފަދަ ކަމެއް ކުރިކަން އެނގިއްޖެނަމަ އެ މީހާކު ޖޫރިމަނާ ކުރާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

"ކައިވެނިނުކޮށް އުޅޭ އަންހެނުންނަށް ފޯނުދީގެން ނުވާނެ، އެފަދަ އަންހެނުން އަތުން ފޯނު ފެނިއްޖެ ނަމަ އެ މީހުންގެ މައިންބަފައިން ޖޫރިމަނާ ކުރާނެ ކަމަށް އެ ކައުންސިލްގެ ވެރިން ވަނީ އަންގާފައި"

އެ ކައުންސިލްގެ ވެރިން ބުނަނީ، އެ އަންހެން ކުދިން ބޮޑަށް އަލިއަޅުވާލަންވީ ކިޔެވުމަށް ކަމަށެވެ. އަދި އެ ޖަމާއަތުގެ ފަރާތުން އެެ އަންހެން ކުދިންނަށް ލެޕްޓޮޕާއި ޓެބްލެޓް ދޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އިންޑިއާގެ ބައެއް އަވަށްތަކުގައި މިފަދަ ކަންކަން ފާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު