ހިތަކީ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަނެވެ. އިންސާނާގެ ހަށިގަނޑުގައި ޖަހާ ވިންދާއި ހަރަކާތްތައް ގުޅިފައި ވަނީ ހިތަށެވެ. ހިތް އޭގެ އަސްލުން ކައްސާލަފައިފިނަމަ އިންސާނާގެ ދިރިހުރުމަށް އަސަރު ކުރުވައެވެ.

ޅ.ނައިފަރު ހާލި، އުމުރުން އެންމެ 2 މަހުގެ ފާތިމަތު ޙަނާ ޙުސެއިން އަކީ އެފަދަ އުނދަގޫ ހާލަތެއް ތަހަންމަލު ކުރަމުންދާ ތުއްތުތުއްތު ކުއްޖެވެ. ތުއްތު ހަނާ އުފަންވީއިރުވެސް ހިތް އޮތީ އަސްލު އޮންނަން ޖެހޭ ފަޅި ނޫން އަނެއް ފަޅީގައެވެ. އެ ތުއްތު ކުއްޖާއަށް ކުރިމަތި ވެފައި މިވަނީ ކޮން ފަދަ ބޮޑު ވޭނީ އިހްސާސެއްތޯ އެވެ.

"ޑެކްސްޓްރޯކާޑިއާ" ނުވަތަ އިންސާނާގެ ހިތް އޮންނަންވާ ފަޅި ނޫން އަނެއް ފަޅި ކަމަށްވާ ކަނާތް ފަޅީގައި އޮތުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހަނާގެ މަންމަ ޙައްވާ އަލީ "ވަގުތަށް" ކިޔައިދިނެވެ.

 

ހަނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އުމުރުން ތިން މަހާ ފަސް މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހިތާ ގުޅިފައިވާ އެ ބޮޑު އޮޕަރޭޝަން ކުރަން ޖެހެ އެވެ.

އެ އޮޕަރޭޝަނަކީ ބޮޑު ހޭދައެއް ހިނާގާނެ އޮޕަރޭޝަނެކެވެ. އަށް ގަޑިއިރަށް ދިގުދެމިގެންދާ މި އޮޕަރޭޝަން ކުރެވޭނެ ވަސީލަތްތަކެއް ރާއްޖެއަކު ނެތެވެ. މި އޮޕަރޭޝަން ރާއްޖެއިން ކުރެވޭނެ ގޮތެއްވެސް ނެތެވެ.

 

އިންޑިއާއިން އޮޕަރޭޝަން ކުރުމަށްޓަކައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާއިން އަންގާފައި ވެއެވެ. އެހެންނަމަވެސް އެކަމަށްޓަކައި ކުރަން ޖެހޭ އެހެނިހެން ޚަރަދުތައް ކުރެވޭނެ ހަމައެއްވެސް ގޮތެއް ނެތެވެ.

އެ އޮޕަރޭޝަން ކުރުމަށްޓަކައި ގިނަ ދުވަސްތަކެއް އިންޑިއާގައި ހޭދަ ކުރަން ޖެހެ އެވެ. އެއީވެސް ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަންކަމެވެ. ހަނާގެ މަންމަ ހައްވާ އަލީ އާއި އެ ނިކަމެތި އާއިލާއަކީ، އެވަރުގެ ހޭދައެއް ކުރުމުގެ ކެރިފޯރުންތެރިކަން ހުރި ބައެއް ނޫނެވެ. ހެޔޮ އެދޭ ފަރާތްތަކުގެ އެހީ އާ މަދަދުވެރިކަން ނެތި އެ ތުއްތު ކުއްޖާގެ ނިކަމެތި އާއިލާއަށް މި ގިލަންވެރިކަމުން އަރައިގަނެ ވޭނެ ހަމައެއްވެސް ގޮތެއް ނެތެވެ.

 

އެ ނިކަމެތި އާއިލާއިން އާދޭހާއެކު އެދެނީ ދީލަތި އެހީއަކަށެވެ. އެ ތުއްތުތުއްތު ކުއްޖާ އާއި އެ ނިކަމަތި ދެމަފިރިންނާއި އާއިލާއަށް ކުރިމަތި ވެފައިވާ އެ ހިތްދަތި ހާލަތު އަރައިގަތުމަށްޓަކައެވެ. ތިޔަ ފަރާތުގެ ދީލަތި އެހީ ތުއްތުތުއްތު ހަނާގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ދިއްކޮށްލަވާށެވެ.

ހަނާއަށް އެހީވުމަށް: ހަނާގެ ބައްޕަ ޙުސައިން މުޙައްމަދުގެ އެކައުންޓު ނަމްބަރު 7730000266303

އިތުރު މައުލޫމާތު ހޯއްދެވުމަށް ހަނާގެ ބައްޕަގެ ފޯނު ނަމްބަރު 7211328 އަށް ގުޅުއްވުން އެދެމެވެ.

 

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    ހަނާ އަށް އެހީވުމަކީ ވަރަށް މާތްކަމަކަށް ވާނީ ، ހިތަކީ ފަޅިފަޅީގައި އޮންނަ އެއްޗެއްނޫން ، ހިތް އޮންނާނީ ސީދާ މެދުގައި ، ހިތުގެ ޝޭޕް އިންނަގޮތުން ކުޑަކޮށް ވައަތްފަރާތަށް އިންނަހެން ހީވަނީ ،

    7
    2
  2. ސަޓޯ

    އަހަރެން ހީކުރީ ނަޝީދު ބުނެގެން ހެޔޮވެރިކަން ކުރަން އިބުރޭއާއި އެމްޑީޕީ ބައިގަނޑު ވެރިކަމަށް އައީމަ ރައްޔިތުން އެހީއަށް އެދި މިކަހަަލަ އާރޓިކަލްތައް ނުފެންނާނޭ ކަމަށް... މާތްﷲ މިތުއްތުކުއްޖާއަށް އަވަސް ޝިފާއެއް ދެއްނާންދޭވެ

    12
    3
  3. ރަދީފް

    އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން.

    11