އިންޑިއާގެ އިރު އުތުރުގެ ސްޓޭޓެއް ކަމަށްވާ އައްސާމް އަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ބައެއް ހިސާބުތަކުގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. މި ހާދިސާތަކުގެ ތެރެއިން ތަފާތު، އެހެން ނަމަވެސް ނުރައްކާތެރި މަންޒަރަކަށް ގިނަ ބައެއްގެ ނަޒަރު މިހާރު ވަނީ ހުއްޓިފައެވެ.

އައްސާމްގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައި ވަނިކޮށް، ގެއެއްގެ ތެރެއިން ބޮޑު މިނިކާވަގެއް ފެނިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާއިރު، ނުރައްކާ ކުރިމަތި ކުރުވަފާނެ މިފަދަ އިތުރު ޖަނަވާރުތައްވެސް ދޫވެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި އުޅެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ބުރާސްފަތި ދުވަހެއްގެ ވަގުތެއްގައި އައްސާމްގެ ގެއެއްގެ ތެރޭގައި މިނިކާވަގެއް ނިދާފައި އޮއްވައި ނަގާފައިވާ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ މިނިކާވަގަކީ ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން އައްސާމްގެ ކަޒިރަންގާ ނޭޝަނަލް ޕާކުން ދޫވެފައިވާ މިނިކާވަގެއް ކަމަށް ވަނީ ބެލެވިފައެވެ. މި ސަރަޙައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ޕާކުގައި ހައްޔަރުކޮށްފައި ތިބި ސަތޭކައެއްހައި ޖަނަވާރު މަރުވެފައި ވެއެވެ.

އައްސާމްގެ ގެއެއްގެ ތެރޭގައި މިނިކާވަގު ނިދާފައި އޮއްވައި ފެނުނީ އެގޭގައި ދިރިއުޅޭ މީހުންނަށެވެ. އެފަރާތްތަކުން ބުނެފައި ވަނީ، މިނިކާވަގު ނިދާފައި އޮތީ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި އެނދެއްގައެވެ. އަދި އެމަންޒަރު ފެނިގެން ވަގުތުން އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައިވާއިރު، މާގިނައިރެއް ނުވެ އޮފިޝަލުން އައިސް މިނިކާވަގު ގެއިން ނެރެފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އައްސާމްގައި ފެންބޮޑުވުމާއި ގުޅިގެން ކަޒިރަންގާ ނޭޝަނަލް ޕާކުން ދޫވެފައިވާ އިތުރު ބައެއް މިނިކާވަގުވެސް އެ ސަރަޙައްދުން ބައެއް ފަރާތްތަކަށް ފެނިގެން ރިޕޯޓްކޮށްފައި ވެއެވެ. ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން އެހެން ހިސާބުތަކަށްދާ މި މިނިކާވަގުތަކާއި އެނޫންވެސް ޖަނަވާރުތައް މިހާރު އުޅެމުންދަނީ ފެންބޮޑުވުމާއި ގުޅިގެން އާންމު ފަރާތްތަކުންވެސް ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދާ ސަރަޙައްދުތަކުގައި ކަމަށް ބެލެވިފައި ވެއެވެ.

ކަޒިރަންގާ ނޭޝަނަލް ޕާކުގައި 110 މިނިކާވަގު އޮވެއެވެ. ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން އެ ޕާކުން ގިނަ އަދަދެއްގެ ޖަނަވާރު މަރުވެފައި ވީނަމަވެސް އޭގެތެރޭގައި މިނިކާވަގެއް ނުހިމެނެއެވެ. ނޫސްތަކުގައި ވާގޮތުގައި އެ ޕާކުން މަރުވެފައި ވަނީ 54 ދަޅުފީނިފުއްލާ އާއި ދުނިޔޭގައި މިހާރު ވަރަށް މަދުން އުޅޭ ވައްތަރެއްގެ 7 ރައިނޯ އާއި 6 ސާރިދޯޅާއި އެތެކެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސްޓޭޓުތަކުގެ ތެރޭގައި އައްސާމް ހިމެނެ އެވެ. މީގެ އިތުރުން މި ވިއްސާރައިގައި އެ ޤައުމުގެ ބިހާރު ސްޓޭޓުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާއިރު، މި ދެ ސްޓޭޓުން އެކަނިވެސް، ފެންބޮޑުވުމުގެ ހާދިސާތަކުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ހެހެހެ އެސޮރަށް އެނދެއްގައި ނިދާލަން ލިބުނު ފުރަތަމަ ފުރުޞަތު ވިއްޔަދޯ.....!!!