މިއީ މީ ގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މިއީ ހާދިސާ ދިމާވި ފަރާތުން ވަގުތަށް ދީފައިވާ މަޢުލޫމާތު ގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ހާދިސާ ދިމާވި ފަރާތުގެ އެދުމުގެ މަތިން ލިއުމުގައި އަސްލު ނަންތައް ބޭނުންކުރެވިފައި ނުވާއިރު ބައެއް އުނި އިތުރުތައް ގެނެވިފައި ވާނެއެވެ.

އަހަރެންގެ ނަމަކީ ނަޝާ (އަސްލު ނަމެއް ނޫން) އެވެ. އަހަންނަކީ ތިނަދޫއަށް އުފަން މީހަކީމެވެ. ހަނދާން ހުންނަން ފެށީއްސުރެ އަހަރެން ދިރިއުޅެނީ މާލޭގައެވެ. ރަށަށް ދެވުނީ މުޅި އުމުރުގައި ވެސް އެންމެ ދެ ފަހަރުގަ އެވެ. މާލޭގައި އަހަރެން ދިރިއުޅެމުންދަނީ މަންމައާއި އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައާއި އަދި ފިރިހެން ކޮއްކޮއަކާއި އެކުގައެވެ.

އެއީ މީގެ 18 ވަރަކަށް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 17 އަހަރެވެ. އަހަރެން އޭރު ދިޔައީ މާލޭގެ ސްކޫލެއްގެ ގްރޭޑް ދިހައެއްގައި ކިޔަވަމުންނެވެ. އެ އަހަރު އަހަރެން ކިޔަވަމުންދިޔަ ސްކޫލަށް ވަންނަންވެގެން ބައްޕަގެ ރައްޓެއްސެއްގެ ދަރިފުޅު އާމިރު ވެސް ރަށުން މާލެ އައެވެ. އަހަރެންގެ ބައްޕައާއި އާމިރުގެ ބައްޕައާއި ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ބައްޕަ އާމިރު ބެހެއްޓީ އަހަރެމެން ކުއްޔަށް ހިފާފައިހުރި ގޭގައެވެ.

އާމިރަކީ ވެސް އަހަންނާއި އެއް އުމުރެއްގެ މީ ހެކެވެ. އޭނާވެސް ކިޔަވަމުން އައީ އަހަންނެކޭ އެއްފަދައިން ގްރޭޑް ދިހައެއްގައެވެ. އާމިރު މާލެ އައިސް އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އަހަންނަކާއި އޭނާއާއި ދެމެދު މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ކަމެއް ޖެހި މަޖުބޫރުވެގެން ނޫން ގޮތަކަށް އަހަރެން އޭނާއާއި ވާހަކަދައްކައި ނޫޅެމެވެ. އެހެން ނަމަވެސް އޭނާ އަބަދުވެސް އަހަންނާއި "ގުޅެން އުޅޭ"ކަން އަހަންނަށް ފާހަގަ ކުރެވެ އެވެ.

އާމިރަކީ އަހަރެން މާ ގަޔާވާފަދަ ސިފަތަކެއް ހުންނަ މީހަކަށް ނުވުމުން އަހަރެން އޭނާއާއި ވާހަކަ ދައްކަން "ވަރަށް ފޫހި"ވެއެވެ. ގިނަ ވަގުތު އޭނާ އުޅެމުންދަނީ ގްރޫޕްތަކާއި އެކު މަގުމަތީގައެވެ. އޭރު މާލޭގައި ދިރިއުޅޭ އަހަރެންގެ ލޯބިވެރިޔާ ވާފިރުވެސް އާމިރު މަގުމަތީގައި އުޅޭގޮތް ފެނިފައި އޭނާއާއި މާބޮޑަށް ގުޅުން ބަދަހި ނުކުރުމަށް އަހަންނަށް ނަސޭހަތްތެރި ވެއެވެ.

މިގޮތުގައި އަހަރު ނިމިގެން ނަތީޖާއަށް އިންތިޒާރު ކުރަމުން ދަނިކޮށް އެއް ދުވަހަކު އާމިރު ގެޔަށް އައިގޮތަށް އައިސް އަހަރެން ކައިރީ ގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އޮތް ވާހަކަ ބުނެ ގޭތެރެއަށް ވަދެގެން ދިޔައެވެ.

އޭނާ ހީކުރ އަހަރެން އޭނާ އެހެން ބުނީމައި ފަހަތުން ގޮސް އެއީ ކޮން ވާހަކައެއްތޯ ބަލަން ބޭނުންވާނެކަމަށެވެ. އެހެން ނަމަވެސް އެ ވާހަކައަށް ބީރު ކަންފަތެއް ދީ، ކުރަން ހުރިކަންތަކާއިގެން އަހަރެން ކުރިޔަށް ދިޔައީމެވެ. އަހަރެންގެ ހަބަރެއް ނުވުމުން އޭނާ ގޭތެރެއިން ނިކުމެގެން އައިސް އަހަރެންގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިއެވެ.

"އަހަންނަށް ނަޝާދެކެ ލޯ ބިވެވިއްޖެ، އަހަރެން ބޭނުން ނަޝާއާއި އިނދެގެން ދިރިއުޅުމެއް ފަށަން،" އާމިރު ވަރަށް ސާބިތުކަމާއެކު ބުނެލިއެވެ.

އާމިރުގެ އެ ވާހަކަ އަޑުއަހާފައި އަހަރެންގެ ގާތަށް އައީ "އަލިފާން ރުޅި"އެވެ. ކަލޭތީ ހާދަ ގޮތެއްފޮތެއް ނެތް ފިރިހެނެކޭ ދޯ؟ ތިކަހަލަ މީހަކާ އެކީ ނޫޅެވިގެން ދޯ މަ މި އުޅެނީ؟" އަހަރެން އޭނާއާއި ދިމާލަށް ލޯބޮޑުކޮށްލާފައި ރުޅިވެރި ގޮތަކަށް ބުނީ މެވެ. އަދި އެއީ އަހަރެން އެއްގޮތަކަށްވެސް އަހަން ބޭނުންވާ ވާހަކައެއް ނޫންކަމާއި ދެން އެފަދަ ވާހަކައެއް ދައްކައިފިނަމަ ވަގުތުން ބައްޕަމެން ކައިރީގައި ބުނާނެ ކަމަށްވެސް އަހަރެން ބުނީމެވެ.

އޭގެފަހުން އާމިރުގެ އުނދަގޫ ކޮންމެވެސް ވަރަކަށް އަހަންނަށް އައީ ޖެހެމުންނެވެ. އެ ވާހަކަ ވާފިރުއަށް ކިޔައި ދިނުމުން އޭނާގެ ގައިގައި .ތަޅައިގަންނަންވެސް އުޅުނެވެ. އެހެން ނަމަވެސް އަހަރެން ވާފިރު ހުއްޓުވައި އެފަދަ ކަމެއް ކުރެވުނަ ނުދީ ހިފެހެއްޓީ މެވެ. އޭނާ ވާފިރުއަށް ކޮންމެފަދަ އަނިޔާއެއްވެސް ކޮށްފާނެކަން އަހަންނަށް އެނގޭތީއެވެ.

އެއް ދުވަހެއްގެ ދަންވަރު އަހަރެން ގަދަ ނިދީގައި އޮއްވައި އުނދަގުލެއް ވާހެން ހީވެގެން ހޭލެވުނެވެ. އޭރު ކައިރ ގައި މީހަކު ހުރެގެން އަހަރެންގެ ބޮލުގައި ފިރުމަނީ އެވެ. ފުރަތަމަ އަހަރެން ހީކުރީ އެއީ މަންމަ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހަރަކާތްތައް "މާ މައްޗަށް" ގޮސް އަހަރެންގެ ގައިގައި އަތްލާން ފެށުމުން އެއީ މަންމަ ނޫންކަން ޔަޤީންކުރެވި، ފުންމައިގެން ތެދުވެ ކައިރީ ގައި ހުރި ސުވިޗުން ކޮޓަރީގެ ބޮކި ޖައްސާލީމެވެ. އެވަގުތު އަހަންނަށް އެ ނުލަފާ އާމިރު އަހަރެންގެ ކައިރީގައި ނުލަފާ ހިންޏެއް އައިސްފައި ހުރިތަން ފެނުނެވެ.

ވަގުތުން އަހަރެން ހަޅޭލަވައިގަންނަށް އުޅުނީމެވެ. އެހެން ނަމަވެސް އާމިރު އަހަރެންގެ އަނގަމަތީގައި އަތް އަޅައި ބާރަށް ފިއްތާލިއެވެ. ދެން އިތުރަކަށް އަހަންނަކަށް މީހެއްގެ އެހީތެރިކަމަށް އެދެވޭނެ ގޮތެއް ނުވިއެވެ. އާމިރު އަނެއްކާވެސް އަހަރެންދެކެ އޭނާ ލޯބިވާ ވާހަކަ ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީއެވެ.

ޖެހިގެން އައި ދުވަހު އަހަރެން އެވާހަކަ މަންމައަށް ކިޔައި ދިނީމެވެ. އޭރު އާމިރު އޭނާގެ އެއްޗެހިތައް ހިފައިގެން ގެއިން ނިކުމެގެން ގޮސްފިއެވެ. ވާފިރުކައިރީގައި އެ ވާހަކަތައް ކިޔައި ދިނުމުން އޭނާވެސް ހުރީ ހައިރާންވެ ދެރަވެފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އާމިރު ފުރައިގެން ރަށަށް ދިޔަ ޚަބަރު ލިބުނެވެ.

އޭގެ އެއް އަހަރު ފަހެވެ. އަހަރެން ހުރީ އާމިރުގެ ފުށުން ސަލާމަތްވެ ހަޔާތުގެ އެ ބަނަ ވިލާގަނޑުގެ ވިއްސާރަ ނިމުނީ ކަމަށް ނިންމައިގެން ވަރަށް ހިތްހަމަޖެހިފައެވެ. އެހެން ނަމަވެސް އެގޮތުގައި މާގިނަ ދުވަހެއް ނުވިއެވެ. ހުރިހާ ކަމަކުން ސަލާމަތްވީ ކަމަށް އުންމީދުކޮށްގެން ހުއްޓައި ހަޔާތުގައި ދެން ކުރިމަތިވީ ހީނުކުރާފަދަ މުސީބާތެކެވެ.

އާމިރަށްފަހު އަހަރެންނާއި ޖައްސާލީ އަހަރެންގެ ޅިޔަނު، ބަޝީރެވެ. ބަޝީރަކީ ކުރީގައި ބޭރުދަތުރު ކުރަން އުޅުނު މީހެކެވެ. އެހެން ނަމަވެސް ދައްތަގެ އެދުމުގެ މަތިން އޭނާ އެ މަސައްކަތް ހުއްޓާލައި މާލެއިން ވަޒީފާއެއް ހޯދުމުގައި އުޅޭތާ މަހެއް ވަނީއެވެ. އާމިރު މާލެއަށް ބަދަލުވުމާއެކު ގޭގައި ދިރިއުޅުމުގެ ޖާގައިގެ ދަތިކަން ބޮޑުވިއެވެ. އެހެންކަމުން އަހަރެން ނިދަން ޖެހުނީ ދައްތަމެންގެ ކޮޓަރީގައެވެ. އެކޮޓަރި ހުންނަނީ ޕާޓިޝަން ޖަހާފައި ދެބަޔަށް ބައިކޮށްލާފައެވެ. އަހަރެން އެއިން އެއް ބައިގައި ނިދާއިރު ދައްތައާއި ބަޝީރު ނިދަނީ އަނެއްބައިގައެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެން ދިޔައީ ބަޝީރުގެ ޝިކާރައަކަށް ވަމުންނެވެ. ކޮންމެ ރެޔަކުވެސް އަހަރެންގެ ނިދާ ބަޔަށް އޭނަ އައިސް އަހަރެން "ފެނުނު ފުރަތަމަ ފަހަރުން ފެށިގެން ހިތް ކިޔާ ކަހަލަ ގޮތެއް" ހުންނަ ކަމަށް ބުނެ އެފަދަ ވާހަކަތައް ދައްކައި އުޅެއެވެ. އަދި އެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީފިނަމަ ދައްތައަށް "ހޭ އަރުވާލައި" އޭގެ ބަދަލު ހިފާނެކަމަށް ބުނެ އޭނާ އަހަންނަށް ބިރުދައްކަމުން ދިޔައެވެ. އެކަމުގެ ބިރު އޮތުމުން އަހަރެން އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުބުނެ ސިއްރު ކުރީމެވެ.

ކުރިން އޭނާ އެފަދަ ކަމެއް ކޮށްފާނެކަމެއް ދުވަހަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. އޭނައަކީ ބަރާބަރަށް ވަގުތުން ވަގުތަށް ނަމާދުކޮށް "ސުންނަތަށް އުޅޭ މީހަކަށް ވާތީ" އެވެ. ހުންނަނީ ފަޓުލޫނުގެ ފައިކުރި ކުރުކޮށްފައި، ބޮޑު ތުބުޅިއެއް ލާފައެވެ. ގޭ މީހުންނަށް ވަރަށް ގިނައިން ދީނީ ކަންކަމުގައި ނަސޭހަތްދީ ހަދައެވެ. ކޮއްކޮ މިސްކިތަށް ނަމާދަށް ނުދާތީ، މިސްކިތަށް ދިއުމަށް ބާރުއަޅައެވެ. ގޭގައި ލަވަ ޖަހާނަމަ އެކަން ވެސް މަނާކުރެއެވެ. މިގޮތަށް ގޮސް ދީނީ ހުރިހައި ކަންކަމަކަށް އޭނާ ވަރަށް ބޮޑަށް އަހަމިއްޔަތުކަން ދޭކަން ދެއްކިއެވެ. އެފަދަ މީހަކު ހަޑި މުޑުދާރު ޢަމަލަކަށް އަރައިގަންނާނެއޭ ހިތަށް އަރާނީ ކާކު ހެއްޔެވެ.

ދަންވަރު އެކެއް ޖެހި އިރުވެސް ނިދި ނާންނާތީ އަހަރެން އޮތީ އާދައިގެމަތިގައި ފޯނާއި ކުޅޭށެވެ. އޭގެ އިރުކޮޅެއް ފަހުން ބަޝީރު ވަރަށް ސިއްރުން އަހަރެން ނިދާ ބަޔަށް އައިސް އަހަރެންގެ އެނދުމަތީގައި ޖައްސާލިއެވެ. އަހަރެން އޮތީ އޭނާ ފެންނަ ކަމަށްސވެސް ނަހަދާ ފޯނާއި ކުޅޭށެވެ. އޭނާ އަހަރެންގެ ގައިގައި އަތްލާން މަސައްކަތްކުރެއެވެ. ކޮންމެ ފަހަރަކުވެސް އަހަރެން އޭނާގެ އަތް ފޮޅާލަމެވެ. އެކަމަށް އަހަރެން ދެކޮޅުހަދަމުން ދަނިކޮށް ކުއްލިއަކަށް ދައްތަ ދޮރު ކައިރީ ގައި ހުރިތަން އަހަންނަށް ފެނުނެވެ. ދައްތަ ހުރީ ރޮއެރޮއެ ހަލާކުވާވަރު ވެފައެވެ. އޭނާގެ ލޮލުން އޭރުވެސް ކަރުނަތައް ފައިބަނީ އެވެ. އަހަރެން ހުރީ ދައްތައަށް އެމަންޒަރު ފެނުމުން، "އެހެން ގޮތަކަށް" ވިސްނިދާނެ ކަމަށްޓަކައި ހާސްވެ ކަންބޮޑުވެފައެވެ. ދޮރާއި ދިމާލަށް އަހަރެން ބަލަން އިނުމުން ދައްތައް ހުރިކަން އެނގިގެން ބަޝީރު އެ ކޮޓަރިން ނިކުމެގެން ހިނގައްޖެ އެވެ.
ބަޝީރު ދިއުމުން .ދައްތަ އައިސް އަހަރެންގެ ކައިރ އިށީނެވެ. އަހަރެން ދައްތައަށް ވެގެން އުޅޭ ގޮތް ކިޔައިދޭން އުޅުނީމެވެ. ނަމަވެސް އަހަރެންގެ އަތުގައި ހިފާފައި "ދައްތައަށް މާފު" ކުރާށޭ ބުނި ހިސާބުން އަހަރެން ގަނޑުވެއްޖެއެވެ. ދައްތައަށްވެސް އެކަން ކުރިން އެނގޭކަމާއި، ބަޝީރު އެވާހަކަތައް ދައްތަ ކައިރީގައިވެސް ކުރިން ދައްކާފައިއޮތް ކަމަށް ރޮއެރޮއެފައި ކިޔައިދިނެވެ. އަހަރެން ހުރީ އެ ވާހަކަތައް ޤަބޫލުކުރަންވެސް ދަތިވެފައެވެ. ބުނާނެ އެއްޗެއް ނޭގި ބަސް ހުއްޓިފައެވެ.

ދައްތައަށް ބަޝީރުގެ އެ މުޑުދާރު އަމަލުތައް އެނގި ފެނިފައިވާއިރުވެސް އޭނާއާއި އެކީގައި ދިރިއުޅެން ބޭނުންވާ ސަބަބެއް އަހަންނަކަށް މިއަދާއި ހަމަޔަކަށްވެސް ނޭގެއެވެ. އެ ސުވާލުގެ ޖަވާބު މިއަދާއި ހަމަޔަށްވެސް ދޭން ދައްތަ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ހައްޤުގައި އަހަރެން އެކަންތައް އިތުރު ބަޔަކަށް ނާންގައި ސިއްރު ކުރީމެވެ.

ހިނގާދިޔަ އެ ކަންތަކަށް މިހާރު 17 ވަރަކަށް އަހަރު ވެފައިވާއިރު އަދިވެސް ދައްތަ އުޅެމުންދަނީ އެ "ނުލަފާ" ބަޝީރާއި އެކީގައެވެ. އަހަރެން އެކަމާއި ކިތަންމެ ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް، ދައްތަ ބަޝީރު ދޫކޮށެއް ނުލައެވެ. އަހަރެން ދޭތެރެ ދޭތެރެއިން އެގެޔަށް ގޮސް އުޅޭ އިރު ބަޝީރު ފެނެއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ރުޅި "ސަތޭކައިން މައްޗަށް" އަރައެވެ. އަދި އޭނާގެ މުޑުދާރު ޢަމަލުތައް ލޯމައްޗަށް ސިފަވެއެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކުވެސް ދައްތައަށް އޭނާ އަނިޔާއެއް ދީފާނެ ކަމަށްޓަކައި އަހަރެން ނުހަނު ޖެހިލުންވެ ކަންބޮޑުވެއެވެ. މިކަން އޭނާއަށް އެނގޭތީ އަބަދުވެސް އޭނާ ހުންނަނީ އަހަރެން ފެނުމުން ނުލަފާ ހިންޏެއް އައިސްފައެވެ.

-ނިމުނީ-

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    ހާދަ ދިގޭ...ކީއްވެތަ އާމިރު އެނބުރި އައީ.. ؟?

    7
    11