މިދިޔަ ހަފްތާގައި ޖަޕާނުގެ އުތުރު އައްސޭރީގެ ރަށެއް ކަމަށްވާ ހޮންޝޫ އައިލޭންޑުގައި ކުރިޔަށްދިޔަ ނީލަމެއްގައި މޭބިސްކަދުރު ކޯންޏެއް 11000 އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހޮންޝޫ އައިލޭންޑްގައި ކުރިޔަށްދިޔަ މި ނީލަމުގައި މިހައި ބޮޑު އަގުގައި ވިއްކާލާފައި ވަނީ، އެޤައުމުގައި މީގެ ކުރިންވެސް އާދަޔާއި ޚިލާފަށް އަގޮބޮޑުކޮށް ވިއްކާފައިވާ މޭބިސްކަދުރުގެ ބާވަތެއް ކަމަށްވާ "ރޯމަން ގްރޭޕްސް" ކޯންޏެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި މޭބިސްކަދުރު ކޯނީގައި ޖުމްލަ 24 މޭބިސްކަދުރު އަޅާފައި އޮތްއިރު، އެއިން ކޮންމެ މޭބިސްކަދުރެއްގެ އަގު 460 އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ ފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި މި ވައްތަރުގެ މޭބިސްކަދުރު އެންމެ ބޮޑު އަގުގައި ވިކުނު ފަހަރު ކަމަށް ވެއެވެ.

"ރޯމަން ގްރޭޕްސް"ގެ އަގު އާދަޔާއި ޚިލާފަށް ބޮޑީ އޭގައި މޭބިސްކަދުރު ދިޔަ އަދި ފޮނިކަން އެކުލެވޭ މިންވަރު މަތިވުމާއި އެކު މޭބިސްކަދުރުގެ އެސިޑިޓީ އެހެން މޭބިސްކަދުރާއި އަޅާ ބަލާއިރު ދަށްވުމުންނެވެ. އާންމު ގޮތެއްގައި މީހުން މި ބާވަތުގެ މޭބިސްކަދުރު ބޮޑު އަގުގައި ގަންނަނީ، ހަދިޔާ ބަދަލުކުރުމާއެކު ހަދިޔާ ރައްދުކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ޚާއްސަކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށް މިފަދަ މޭބިސްކަދުރު ވިއްކާ ފަރާތްތަކުން ބުނެއެވެ.

ޖަޕާނުގައި މިއަހަރު "ރޯމަން ގްރޭޕްސް"ގެ 26،000 އެއްހައި މޭބިސްކަދުރު ވިއްކާނެ ކަމަށް ބެލެވިފައިވާއިރު، މި މޭބިސްކަދުރުގެ އަގު ނިމިދިޔަ ހަފްތާގެ ނީލަމުގެ އަގާއި އެއްވަރަށް ބޮޑު ނުވީނަމަވެސް އާދަޔާއި ޚިލާފަށް ބޮޑު އަގުގައި ވިއްކާނެ ކަމަށް ބެލެވެއެވެ. އެޤައުމުގައި މޭބިސްކަދުރުގެ އިތުރުން، "ލަގްޒަރީ މޭވާ"ގެ ގޮތުގައި މި ނޫންވެސް ބާވަތްތައް އާދަޔާއި ޚިލާފަށް ބޮޑު އަގުގައި ވިއްކަމުން ދެއެވެ. އޭގެ ތެރޭގައި ސްޓްރޯބެރީ އާއި ކަރާ އަދި މެލަން ފަދަ މޭވާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    ތި ވަރުން ބިލިއަނަރަކަށް ވެވިދާނެ

    13