ދިރުން ވެދާނެ ކަމަށް ބެލެވޭ ދުނިޔެއާއި ކައިރިން ފެނިއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މި ދެ ގުރަހަ ހޯދި، ޔުނިވާސިޓީ އޮފް ގޮޓިންގެންގެ އިންސްޓިޓިއުޓް އޮފް އެސްޓްރޯ ފިޒިކްސްގެ ސައިންސްވެރިން ބުނެފައިވަނީ، މި ދެ ގުރަހައަށް ދުނިޔެއާއި އެއްގޮތް ގިނަ ސިފަތަކެއް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މި ދެގުރަހައިގައި ދުނިޔޭގައިވާފަދަ، ނުވަތަ އެނޫންވެސް ދިރުމެއް ވެދާނެ ކަމަށް ބެލެވޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މިހާތަނަށް ދުނިޔެ އާއި އެންމެ ގާތުން ފެނުނު ދުނިޔެފަދަ ގުރަހަތަކުގެ ތެރޭގައި ހިމެނޭ މި ދެގުރަހަ ދައުރުވަމުން ދަނީ ދުނިޔެއާއި 12.5 އަލި އަހަރު ދުރުން ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އެ ގުރަހަތައް އޭގެ ތަރިތަކުގެ ވަށައިގެން ދައުރުވަމުން ދަނީ، ގާތްގަނޑަކަށް ދުނިޔެ އާއި ދުނިޔެ ދައުރުކުރާ ތަރި އާއި ދެމެދުގައިވާ ދުރުމިނުން ކަން ހޯދުންތަކުން މިހާތަނަށް އެނގިފައި ވެއެވެ.

ތަރިއެއްގެ ވަށައިގެން މި ދެގުރަހަ، ދިރުންތަކަށް އެކަށީގެންވާ ދުރުމިނެއްގައި (ހެބިޓޭޓަބަލް ޒޯންގައި) ދައުރުކުރާތީ މި ދެ ގުރަހައިގައިވެސް، ދިރުންތަކަށް އެންމެ މުޙިންމު ބައި ކަމަށްވާ ފެން ހިމެނޭނެ ކަމަށް ވަނީ ޤަބޫލު ކުރެވިފައެވެ. ސައިންސްވެރިން ބުނާގޮތުގައި، ދުނިޔެއާއި އެއްގޮތް ގިނަ ސިފަތަކެއް ލިބިފައިވާ މި ދެ ގުރަހަ ދުނިޔެއަށްވުރެ ބަރުވެފައި ބޮޑެވެ.

އަލަށް ފެނުނު މި ދެގުރަހައިގެ ހޯދުންތައް އިތުރަށް ހޯދުމުގެ މަސައްކަތް ސައިންސްވެރިން މިހާރު ކުރަމުންދާއިރު، އެ ދެގުރަހަ ދައުރުކުރާ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެހެން ގުރަހަތަކާއި ބެހޭ މައުލޫމާތުތައްވެސް ދެނެގަތުމަށް އެފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔެ ފިޔަވައި އެހެން ގުރަހައަކުން މިހާތަނަށް އަދި ދިރުމެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ދުނިޔެއާއި އެއްގޮތް ގިނަ ސިފަތަކެއް ލިބިފައިވާ ހާހަކަށްވުރެ ގިނަ ގުރަހަ މިހާތަނަށް ސައިންސްވެރިން ހޯދާފައިވެއެވެ. ކައުނުގެ ބޮޑުމިނަށް ބަލާއިރު މި ގުރަހަތަކަކީ ދުނިޔެއާއި ކައިރި ގުރަހަތައް ކަމަށް ކަނޑައެޅުނު ނަމަވެސް، ހޯދުންތައް ހޯދުމުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ގުރަހަތައް ދައުރުވާ ދުރުމިނެވެ. އެގޮތުން މިހާތަނަށް ފެނުނު އެފަދަ ގިނަ ގުރަހަތަކަށް، އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެންވެސް ދަތުރުކުރުމަށް އެތައް ސަތޭކަ އަހަރެއް ހޭދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުކި

    ކޮބާތުނބުޅިގުރޫޕް މިކަމާ ކޮއްޗެއްތޯ ވީދިވަޑައިގަންނަވަނީ؟

    1
    11
    • ތުނބުޅިގުރޫޕް

      ދޮގެއް ތީ

      1
      3
  2. ގުރަހަތަކުގެ

    ދުނިޔެއާއި 12.5 މީތަތިބުނާކައިރިއަކީ؟؟