ޙަޤީޤީ ލޯބި ހޯދުމަށްޓަކައި ތަފާތު ކަންތައް ކުރާ މީހުން އުޅެއެވެ. އެފަދަ މީހުން ވަރަށް "ލޯބި ވާހަކަތައް" ލިޔެވިފައި ހުރެއެވެ. ނަމަވެސް މިފަހަރު މިއޮތީ މީހެއްގެ ލޯބި ހޯދަން ކުރި ސަޅި ކަމެއްގެ ވާހަކައެއް ނޫނެވެ.

ސާބިއާގެ ބެލްގްރޭޑް އިން ފްރެންކްފްޓަށް ބުރާސްފަތި ދުވަހު ފުރަން އޮތް ލުފްތަންސާ ފްލައިޓް އެތައް ގަޑިއިރަކަށް ޑިލޭވެ، ފަސެންޖަރުންނާއި ކްރޫންނަށް އެތައް ތަކުލީފްތަކެއް އުފުލަން ޖެހުނީ ސާބިއާގެ މީހަކު ފޯނުން ގުޅައި ދިން ބޮމުގެ އިންޒާރަކާއި ގުޅިގެންނެވެ.

އިންޒާރު ދިން މީހާގެ ނަމެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމާއި އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައި ކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ.

ފުރަން ތައްޔާރުވެފައި އޮތް ފްލައިޓްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ފްލައިޓްގައި ތިބި 130 ފަސެންޖަރުންނާއި ފަސް ކްރޫ އިން ފްލައިޓުން ބޭލުމަށް މުޅި ފްލައިޓް ފާސްކޮށްފައެވެ. ނަމަވެސް އިންޒާރު ދިން ފަދަ އެއްވެސް އެއްޗެއް ފްލައިޓްގައި ނެތެވެ.

އިންޒާރު ދިން މީހާ އާއި ފުލުހުން ސުވާލު ކުރުމުން ބުނީ އޭނާ ގަޔާވާ ކެބިން ކްރޫއަކު ފްލައިޓްގައި ހުރުމުން އޭނާ އާއި އެކު ޑޭޓަކަށް ދާން ދައުވަތު ދިން ކަމަށާއި ނަމަވެސް ޑޭޓަކަށް ދިއުމަށް ކެބިން ކްރޫ ދެކޮޅު ހެދިކަމަށެވެ.

ބޮމުގެ އިންޒާރު ދިނީ އެ ކެބިންކްރޫ ގައުމުން ބޭރަށް ދިޔުން ހުއްޓުވަން ކަމަށް އިންޒާރު ދިން މީހާ ބުނެފައި ވެއެވެ.

ޙަޤީޤަތެއް ނެތް އިންޒާރުތައް ފްލައިޓްތަކަށް ދިނުމަކީ ވެސް ބޮޑެތި އަދަބުތައް އަންނަ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު