މޯބައިލް ފޯނު ނުވަތަ ސްމާޓް ފޯނު ގޮވުމުގެ މައްސަލައަކީ އައު މައްސަލައެއް ނޫނެވެ. އުފެއްދުމުގައި ދިމާވާ މައްސަލައަކުން ނުވަތަ ޑިޒައިނުގައި ހުރި މައްސަލައެއްގެ ސަބަބުން، މިފަދަ ޙާދިސާތައް ހިނގުމަކީ، އާއްމު ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއީވެސް އެފަދަ ޙާދިސާއެކެވެ.

ދާދިފަހުން، ޗައިނާގެ އަވަށެއްގައި، ޗާޖަށް ޖަހާފައި އޮތް ފޯނެއް ގޮވުމުގެ ސަބަބުން، 12 އަހަރުގެ ކުޑަކުއްޖެއްގެ އެއް ލޮލުގެ ފެނުންވަނީ އެއްކޮށް ގޮސް، ކަނާތު ޝާހަދު އިނގިލި ވަކިވެފައެވެ..

"ސޮފްޓްޕީޑިޔާ" ނޫހުން ބުނެފައިވާ ގޮތުގައި މި ހިތާމަވެރި ޙާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި، އެކަން ހިނގާފައިވަނީ، އެކުއްޖާ ބޭނުންކުރާ ފޯނު ޗާޖަށް ޖަހާފައި އޮއްވާ، އޭގެ ކައިރީގައި ހުއްޓާކަމަށްވެސް ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ފޯނު ގޮވުމާއެކު، އެކުއްޖާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. އަދި، ނަގައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ފަސް ގަޑިއިރުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވެއެވެ. އޮޕަރޭޝަނުގައި، ފޯނު ގޮވުމުގެ ސަބަބުން ކުއްޖާގެ މޫނުމަތީގައި ތަތްލަވާފައި ހުރި ޕްލާސްޓިކު ކޮޅުތައްވެސް ނެއްޓިއެވެ. އެހެންނަމަވެސް، އިނގިލި ވަކިވެ، އަލުން ނުގުޅުވޭ ވަރަށް ގެއްލުންވެފައިވާކަމަށް ޑޮކްޓަރުން ބުނިކަމަށް ނޫސްތަކުގައިވެއެވެ. އަދި، ކަނާތު ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާކަމަށް ޑޮކްޓަރުން ބުނިކަމަށްވެސްވެއެވެ.

އެންމެ ރަނގަޅު ބްރޭންޑުތަކުގެ ސްމާޓްފޯނުތައް ގޮވުމުގެ މައްސަލަތައް ކުރިމަތިވެފައިވީނަމަވެސް، މި ޙާދިސާގައި ގޮވާފައިވަނީ ބްރޭންޑެޑް ފޯނެއް ނޫންކަމަށްވެސް ސޮފްޓްޕީޑިޔާ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް