ދެކުނު އެމެރިކާގެ އެންމެ މަޝްހޫރު ރަށްތަކުގެ ތެރޭގައި ކޮލޮމްބިއާގެ މެޑެއިން ހިމެނޭނެކަމަކީ ހަމަ ޔަގީންކަމެކެވެ. އެ ރަށަކީ އެއް އިރެއްގައި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ރަށުގެ ގޮތުގައި ނަން މަޝްހޫރުވެފައި އޮތް ރަށެކެވެ. އެހެން ނަން ދެވުނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. މެޑެއިން އަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ޑްރަގް ލޯޑް ޕަބްލޯ އެސްކޮބާރ އުފަންވެ، ދިރިއުޅެ ބޮޑުވި ރަށެވެ.

މެޑެއިން ވެގެންދިޔައީ ޕަބްލޯގެ ވިޔަފާރީގެ މައި އައްޑާއަށެވެ. މެޑެއިންގައި ގާއިމުކުރެވިފައި އޮތް އެސްކޮބާރގެ ވަރުގަދަ މެޑެއިން ކާޓެލްއާއި ކޮލޮމްބިއާގެ އެހެން ސަރަހައްދުތަކުގައި ގާއިމުކުރެވިފައި އޮންނަ އެހެން ކާޓެލްތަކުގެ އިތުރުން އެގައުމުގެ ސަރުކާރާއި ދެމެދު ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ ސަބަބުން އެރަށުގައި ދިރިއުޅުމަކީ އެއް ޒަމާނެއްގައި ވަރަށް ބިރުވެރި އަދި ނުރައްކާތެރި ކަމެކެވެ.

އެހެންނަމަވެސް އެ ރަށުގެ ރައްޔިތުން ވަނީ އެސްކޮބާރގެ 1980ގެ ޒަމާންތައް ހަދާން ނައްތާލުމަށް ބޮޑެތި ހަރުފަތްތަކެއް ގިރާކޮށް މެޑެއިންގެ ނަން އަލުން ދިރުވައިފައެވެ. މެޑެއިން މިހާރު ދަނީ މަޑު މަޑުން ކޮލޮމްބިއާގައި އޮތް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވަމުންނެވެ.

އެ ރަށަކީ 'ދަ ސިޓީ އޮފް އިޓާރނަލް ސްޕްރިންގް' ގެ ނަމުން ކޮލޮމްބިއާގައި ނަން މަޝްހޫރުވެފައިވާ ރަށެކެވެ. ސަބަބަކީ އެ ރަށުގައި އަރާމު މާހައުލާއި ފިނިހޫނުމިނުގެ ސަބަބުންނެވެ. ދުނިޔޭގެ ފެންވަރުގެ ކޮފީ ޝޮޕްތަކާއި އަދި ރެސްޓޯރެންޓްތައް އެރަށުން ފެންނަން ފަށާފައިވާއިރު އެރަށް ވަށައިގެންވާ ފަރުބަދަތަކާއި ތިމާވެށްޓަކީ ގުދުރަތުގެ ރީތިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ތަންތަނެވެ.

އެއް ޒަމާނެއްގައި ކޮލޮމްބިއާގެ އިތުރުން މުޅި ދުނިޔޭގައިވެސް އޮތް އެންމެ ނުރައްކާތެރި އެއް ރަށް މިހާރު މަޝްހޫރުވެފައިވަނީ މުޅިން އެހެން ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު