ގޭމް ކުޅެން ދެވިހިފާގައި ހުރި އަންހެން ކުއްޖަކު ގެއިން ފިލައިގެން ދިޔަތާ 17 ދުވަސްް ފަހުން ހޯދައިފިއެވެ. އިންޑިއާގެ އުއްތަރްޚާންދްއަށް ނިސްބަތްވާ މި ކުއްޖާ ގެއްލިފައި ވަނީ ޖުލައި އެއްވަނަ ދުވަހުއެވެ.

އެ ކުއްޖާ "ޓެކްސީ ޑްރައިވާ 2" ގޭމް އަޅައިގެން އިންޑިއާގެ އެކި ސަރަހައްދުތަކަށް ދަތުރުކުރަމުން ދަނިކޮށް، ފުލުހުންނަށް ފެނިފައި ވަނީ ދިއްލީގެ ކަމްލާ މާކެޓް ސަރަހައްދުންނެވެ. އޭނާ ދަނީ ކޮންތާކަށްތޯ ފުލުހުން ސުވާލުކުރުމުން އޭނާ ފުރަތަމަ ބުނެފައިވަނީ ޑޮކްޓަރުކަން ކިޔަވަމުންދާ ބޭބެއެއް ކައިރިއަށް ދަނީ ކަމުގައެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އޭނާ އެތަނުގައި ކުރާ ކަންތައް ކިޔާދީފައެވެ.

ފުލުހުންނަށް ވަނީ އޭނާ ގެންގުޅުނު ކުޑަ ނޯޓުކޮޅަކުން ފޯން ނަމްބަރެއް ފެނިފައެވެ.

އެއީ އޭނާ ސްކޫލްގެ ފޯން ނަމްބަރުކަން ފުލުހުންނަށް އެނގުމާއެކު އޭނާ ގެއްލިގެން ހޯދަމުން އަންނަތާ 17 ދުވަސްވެފައިވާކަން ވެސް ފުލުހުންނަށް ފަޅާއެރީއެވެ. އަދި އެންމެފަހުން އޭނާގެ މައިންބަފައިންނަށް އެކަން އެންގުމުން، މައިންބަަފައިން ވަނީ އޭނާ ބަލާ ދިއްލީއަށް ގޮސްފައެވެ. މިހާރު އެކުއްޖާގެ މައިންބަފައިން ވަނީ އޭނާ އެނބުރި ގެއަށް ގެންގޮސްފައެވެ.

އޭނާ ގޭމް ކުޅެމުން ދިޔައީ މަންމަގެ ފޯނު ބޭނުންކޮށްގެންނެވެ. 14000 ރުޕީސްއާއެކު ގެއިން ނުކުތް މި އަންހެންކުއްޖާ އެތައް ތަނަކަށް ދަތުރުކޮށްފިއެވެ. އޭނާ ދަތުރުކުރަނީ ރޭގަނޑު ގަޑީގައި ކަމަށާއި، އޭނާ ތަންތަން ބަލަން އުޅެނީ ދުވާލު ގަޑީގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނެފައި ވަނީ، އެއީ އެ ގޭމްގައި ވެސް ވާ ގޮތް ކަމަށެވެ.

އޭނާގެ ރަހުމަތްތެރިން ބުނާގޮތުގައި، އޭނާއަކީ އެ ގޭމަށް ވަރަށް ބޮޑަށް ދެވިހިފާފައި ހުންނަ ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު