މިޒަމާނުގައި މީހުން އެންމެ ގިނައިން ދަތުރު ފަތުރުކޮށް އުޅެނީ ވައިގެ ކަމުން ކަމުގައި ވާއިރު، ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ވައިގެ މަގަކީ ދަތުރު ކުރުމަށް އެންމެ ރައްކާތެރި މަގެވެ. ނަމަވެސް، ވައިގެ މަގުން ދަތުރު ކުރާ އިރުގައިވެސް އެންމެ މީހެއްގެ އަމަލުން އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާ ވެގެން ދެއެވެ.

މިއީ އެފަދަ ގޮތަކަށް ހިނގި ހާދިޘާ އެއްގެ ވާހަކައެވެ. އިނގިރޭސި ވިލާތުގެ އެއާ ލައިނެއް ކަމުގައިވާ ޖެޓް2 އެއާ ވޭސް އިން ތުރުކީގެ ޑަލަމަން އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓުގެ މެދު ތެރޭގައި ކްލޯއީ ހެއިންސް ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އަންހެނަކު ވަނީ ފަލްއިޓުގެ އެމަޖެންސީ ދޮރު ހުޅުވަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް، އެ މަންޒަރު ފެނިފައި ވަނީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕަސެންޖަރަކަށެވެ. އެ މީހާ ވަނީ ބަލަން ނުހުރެ، ކްލޯއީ ހުއްޓުވަން މަސައްކަތް ކޮށް، ފްލައިޓުގެ ކުރޫ އިންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

ކްލޯއީ ހިފާއްޓަން މަސައްކަތް ކުރި ނަމަވެސް، އޭނާ ބާރުގަދަ ކަމުން އެއް ފިރިހެނަކު އޭނާ ގައި މަތީ އިށީންނަށް ޖެހުނު އިރު، އޭނާގެ އަތާއި ފައިގައި ހިފާއްޓައިގެންވެސް މީހުން ތިއްބެވެ. މިއާއި އެކު ކްލޯއީ ވަނީ އެ އޭނާ ދޫކޮށްލަން އެދި އެ އެންމެން މަރާލާނޭ ކަމުގެ އިންޒާރު ދީފައެވެ.

މި ހާދިޘާ އާއި ގުޅިގެން އިނގިރޭސި ވިލާތުގެ ޝާހީ އެއާ ފޯސްގެ ދެ ޓައިކޫން ވަނީ އެ ބޯޓު ޖައްސަން ދެން ބޯޓާއި އެއްކޮށް ދަތުރު ކޮށްފައެވެ. ބޯޓު ޖެއްސުމާއި އެކު ކްލޯއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާއިރު، އޭނާ އަށް ވަނީ އެ އެއާލައިނުން ދުވަހަކުވެސް ދަތުރު ނުކުރެވޭ ގޮތަށް ހަދައި، 85،000 ޕައުންޑުގެ ބޮޑު ޖޫރިމަނާ އެއްވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.