އެމެރިކާގެ ފްލޮރިޑާގައި ހަނީމޫނަށް ދިޔަ ދެމަފިރިން ކަޓަމަރާނިއެއް ދުއްވަމުން ދަނިކޮށް އަނބިމީހާ މޫދަށް ވެއްޓި ގެއްލިފައިވާ ކަމަށް ފިރިމީހާ ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް އެއީ ދޮގެއް ކަމަށް ބުނެ ފިރިމީހާގެ މައްޗަށް ފުލުހުން އޭނާގެ އަނބިމީހާ މަރާލުމުގެ ދައުވާ އުފުލައިފިއެވެ.

ދެމަފިރިން ހަނީމޫނަށް ދިޔައީ ބަހާމާސް އަށެވެ. ލެވިސް ބެނެޓް ކިޔާ ފިރިމީހާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑެންރޭ ބީޗް ކައިރިން ދެމަފިރިން ކަޓަމަރާނި ދުއްވަމުން ދަނިކޮށް އަނބިމީހާ އިސަބެލާ ހެލްމަން ވަނީ ގެއްލިފައެވެ.

މިހާދިސާ ހިނގީ މިދިޔަ މޭ މަހު އެވެ. ނަމަވެސް ލެވިސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ލެވިސް އޭނާގެ އަނބިމީހާ މަރާލި ކަމަށް ފުލުހުންނަށް ފުރަތަމަ ތުހުމަތު ކުރެވުނީ ލެވިސްގެ އަނބިމީހާ މަރުވެއްޖެ ކަމަށް ކަނޑައަޅަން ހާދިސާ ހިނގިތާ ތިން މަސް ވެސް ނުވަނީސް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ވީނުވީއެއް ނޭނގި ގެއްލޭ މީހުން މަރުވެއްޖެ ކަމަށް ކަނޑައަޅަން ފްލޮރިޑާގައި ހައަހަރު ދުވަހުގެ މުއްދަތެއް ލިބެއެވެ.

ފިރިއަކު ބޭނުންވާނީ އޭނާގެ އަނބިމީހާ ދިރިހުއްޓާ ފެންނަން ކަމަށްވާއިރު އަނބިމީހާ ގެއްލުނުތާ ތިން މަސް ނުވަނީސް އަނބިމީހާ މަރުވެއްޖެ ކަމަށް ކަނޑައަޅަން ފިރިމީހާ ކޯޓަށް ދިއުމުން ފުލުހުންނަށް އޭނާ އާއި ދޭތެރޭ ޝައްކު އުފެދުނެވެ.

ލެވިސްގެ މައްޗަށް އޭނާގެ އަނބިމީހާ މަރާލިކަމުގެ ތުހުމަތު ކުރެވުމާއި އެކު ފުލުހުން ތަޙްޤީޤު އިތުރަށް ފުޅާކުރުމުން ލެވިސް އޭނާގެ އަނބިމީހާ ގެއްލުމުން ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރީ ދެތިން ގަޑިއިރު ފަހުން ކަން ފާހަގަ ކުރެވުނެވެ.

އަދި ފުލުހުން ބެލި ބެލުމުން މިހާރު ވަނީ ލެވިސްގެ އަތުން ބަައިލައްކަ ޑޮލަރަށްވުރެ އަގުހުރި ރަން ވެސް ފެނިފައެވެ. މިއީ އޭނާގެ އަނބިމީހާގެ އެއްޗެހިތަކެއް ކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ ފާހާގަ ކުރެވިފައެވެ.

މީގެ އިތުރަށް ވެސް މިމައްސަލައިގައި ލެވިސް އާއި ދެކޮޅަށް ބޭނުން ކުރެވޭނެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެހެކިތަކުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު