ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް އެބަލިން ސަލާމަތް ވެވޭނެ ޕްރޮޓީންއެއް ހޯދާފައިވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

އެލް.އެޗް.ޕީ.ޕީގެ ނަމުން ނަންދެވިފައިވާ މި ޕްރޮޓީން އަކީ އެންޓި ކެންސަރ ޕްރޮޓީން އެއްކަމަށް ސައިންވެރިން ބުނެއެވެ. ސައިންސްވެރިން ބުނާގޮތުގައި މިޕްރޮޓީންގެ ޒަރިއްޔާއިން ކަސްމެޔަށް ޖެހިފައިވާ ކެންސަރަށް ފަރުވާ ހޯދޭނެއެވެ.

" އެލް.އެޗް.ޕީ.ޕީއަކީ އަޖައިބެއް ކަހަލަ ޕްރޮޓީންއެއް. މީ ޕްރޮޓީން ހަމައެކަނި ފެންނަނީ ކެންސަރު ނުޖެހި ހުންނަ ސެލްތަކުން. ޓިއުމަރ ޖެހިފައި ހުންނަ ސެލްތަކުން ނުފެނޭ. މިހެންވެ މިބަލަނީ މިޕްރޮޓީންއަކީ ކެންސަރަށް އޮތް ފަރުވާއެއްކަމަށް. " ސުވިޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ބަސެލްސްގެ ސައިންޓިސްޓެއް ބުނެފައިވެއެވެ.

އެޔުނިވަރސިޓީއިން ކުރިޔަށް ގެންދިޔަ ތަޙްލީލެއްގައިވަނީ 4000 އަށްވުރެ ގިނަ ޕްރޮޓީން ބޭނުންކޮށްގެން ކެންސަރަށް ފަރުވާ ހޯދޭތޯ ބަލާފައެވެ. އަދި މިދިރާސާ ނިންމާލުމަށްފަހު ބުނެފައިވަނީ އެލް.އެޗް.ޕީ.ޕީއަކީ މިކަމަށް އެންމެ އެކަށޭނެ އެއް ޕްރޮޓީންކަމުގައެވެ.

ކެންސަރު ބައްޔަށް އަދި މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާއިރު، ސައިންސްވެރިންދަނީ ކެންސަރަށް ޝިފާއެއް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނަމުންނެވެ.

ކެންސަރަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބައްޔެވެ. މިއަހަރު މިހާތަނަށް ހަމައެކަނި އެމެރިކާ އިން ވެސް ދެމިލިއަނެއްހައި މީހުންނަށް ކެންސަރު ޖެހިފައިވެއެވެ. އަދި މިއަހަރު މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން އެމެރިކާގައި ހަމައެކަނި ކެންސަރު ޖެހިގެން މަރުވެފައިވެއެވެ. ނަމަވެސް އެއީ މިދިޔަ އަހަރާއި ބަލާއި އިރު 27 އިންސައްތައިގެ މަދުވުމެކެވެ.

ކެންސަރުން ސަލާމަތްވުމަށް ދިރިއުޅުމުގެ ރީތި އާދަތަކުގައި ހިފައި، ސިއްހަތައް ގެއްލުންހުރި އާދަތަކުން ދުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.