މީގެ ތިން އަހަރު ކުރިން މޫދަށް ގެއްލުނު ކެމެރާއެއް ޓައިވާންގެ ގޮޑުދޮށުގައި އޮއްވާ ފެނިިގެން އެ ކެމެރާގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

އެ ކެމެރާގެ ވެރިފަރާތާއި އެ ހަވާލުކޮށްފައި ވަނީ އެ ކެމެރާ ފެނުނުތާ 30 ގަޑިއިރުގެ ތެރޭގައެވެ. ސެރީނާ ނަމަަކަށް ކިޔާ އެ މީހާގެ އަތުން ކެނޯން G12 ކެމެރާ ގެއްލުނީ ސްކޫބާ ޑައިވިންގއަށް ގޮސް އުޅުމުގެ ތެރޭގައެވެ.

2015 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި އިޝިގަކި އައިލެންޑަށް ސެރީނާ ސްކޫބާ ޑައިވިންގއަށް ގޮސް ހުއްޓާ އެ ކެމެރާ ގެއްލުނުއިރު، އެ ކެމެރާ ގެއްލިފައި ވަނީ އޭނާއާއެކު ޑައިވިންގ އަށް ދިޔަ ކުއްޖަކު ވައިފުޅީ ހުސްވެގެން ނޭވާ ނުލެވިގެން އުޅުމުން އޭނާއަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އޭނާ ހީކުރީ ދެން ދުވަހަކުވެސް އެ ކެމެރާއެއް ނުފެންނާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ކެމެރާ އޮތީ ވޯޓާ ޕްރޫފް ކަވަރަކަށް ލައްވާފައެވެ.

އެ ކެމެރާ ފެނިފައި ވަނީ ސްކޫލް ކުދިންތަކެއް މޫދު ސާފްކުރަން އުޅުމުގެ ތެރޭގައެވެެ. އެ ކެމެރާ ފެނުނުއިރު، އޭގެ ބޭރުގައި މޫދު ގަލާއި އެ ނޫންވެސް މޫދުގައި ހުންނަ ބާވަވްތައް ވަނީ ހަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަދިވެސް އެ ކެމެރާ މަސައްކަތް ކުރެއެވެ. ނަމަވެސް ބެޓަރީގައި މައްސަލަ އުޅޭކަމަށް ވެއެވެ.