ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރް ސިންގގެ ކައިވެނީގެ ވާހަކަ ވަރަށް ގަދަޔަށް އެބަދައްކައެވެ. ސީދާ މި ދެތަރިން ކައިވެނި ކުރާނެކަމަށް ބެލެވޭ ދުވަހެއް ނޭގުނު ނަމަވެސް، މި ދެ ތަރިންގެ ކައިވެނި މި އަހަރު ފަހުކޮޅު ކުރެވޭނެކަމަށް އިންޑިއާ ނޫސްތައް ދަނީ ބުނަމުންނެވެ.

އެގޮތުން ބެލެވޭގޮތުގައި، މި ދެ ތަރިންގެ ކައިވެނި އޮތީ އަންނަ ސެޕްޓެމްބަރު މަހާއި ޑިސެންބަރު މަހާއި ދޭތެރެއިން ދުވަހެއްގައެވެ.

އަދި ކައިވެންޏަށް ހާއްސަކޮށް ތަނެއް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވެއެވެ. މި ދެ ތަރިންވެސް ކައިވެނި ހަފްލާ އިންޑިއާ އިން ބޭރުގައި އާއި އިިންޑިއާގައި ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހަބަރުތައް ބުނާގޮތުގައި، އެ ދެ މީހުންގެ ކައިވެނި ކުރިއަށްދާނީ ހަމައެކަނި ގާތް މީހުންނާއި އެކުއެވެ. ބޮލީވުޑްއަށް ހާއްސަކޮށް ހަފްލާއެއް ބާއްވާނެކަމަށް އަދި ކަށަވަރުވެފައި ނުވާކަމަށް ވެއެވެ.

މީގެ އިތުރުން އެ ހަފްލާގައި ދިޕިކާ އަޅާނެ ސާރީ އާއި ރަނާއި ޖަވާހިރު މިހާރު ވަނީ ހޯދާފައެވެ. އަދި މިހާރުވެސް ދިޕިކާ އާއި އާއިލާ އެންމެން އެކު އެކީ އެއްޗެހި ގަތުމުގެ މަސައްކަތަށް ނުކުމެފައިވާކަަމަށް ވެއެވެ.