ތަފާތު ގިނަ ފީޗާތަކާއެކު ގޫގުލް އިން ތައްޔާރުކުރާ އެ ކުންފުނީގެ އާ ފޯނު، "ޕިކްސެލް 3 އޭ" އާއި "ޕިކްސެލް 3 އޭ އެކްސްއެލް" ރަސްމީކޮށް ބާޒާރަށް ނެރެފައި ވަނީ ދާދި ފަހުންނެވެ. އެއާއެކު ގޫގުލް އިން ވަނީ ފޯނުގެ ޕްރޮމޯޝަނަށް ޚާއްސަ އޮފާތަކެއް ހުށަހަޅާފައެވެ. އެގޮތުން ކުރީގައި ބޭނުންކުރާ ބާ ފޯނު ދިނުމުން ޕިކްސެލްގެ އާ ފޯނުތައް ދިނުމަށް ކުންފުނިން ވަނީ ނިންމާފައެވެ.

ވަކި މުއްދަތެއް ވަންދެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، 399 އެމެރިކާ ޑޮލަރަށް ލިބޭ "ޕިކްސެލް 3 އޭ" ނުވަތަ 479 ޑޮލަރަށް ބާޒާރުގައި ވިއްކަން ހުރި "ޕިކްސެލް 3 އޭ އެކްސްއެލް" ފޯނު ލިބޭނީ، ކުންފުންޏާއި ހަވާލުކުރާ ކުރިން ބޭނުންކުރި ފޯނުގެ ކޮންޑިޝަނަށް ބަލާފައެވެ. އެގޮތުން އެ ފޯނުގެ ކޮންޑިޝަނަށް ބަލައި ފޯނުގެ "ވެލިއު"އަށް ބަދަލު އަންނާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އައިފޯން އެކްސްއެސް މެކްސްއެއްގެ އަގު 610 އެމެރިކާ ޑޮލަރަށް އުޅޭއިރު، ރަނގަޅު ކޮންޑިޝަނެއް އޮތް އައިފޯން އެކްސްއެސް މެކްސް ފޯނެއް ދީގެން "ޕިކްސެލް 3 އޭ އެކްސްއެލް" ފޯނަކާއި އަދި އޭގެ އިތުރަށް 100 އެއްހައި ޑޮލަރު، ގޫގުލް ސްޓޯރަށްޚަރަދު ކުރުމަށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިހާރު ކުރިޔަށްދާ ޕްރޮމޯޝަންގެ ދަށުން އައިފޯން 6 އެއްގެ ވެލިއު 250 ޑޮލަރަށް އަރާއިރު، އައިފޯން އެސްއީއަށް ލިބެނީ 260 ޑޮލަރެވެ. އަދި އައިފޯން 8ގެ ވެލިއު އަކީ 300 ޑޮލަރެވެ. މީގެ އިތުރުން ކޮންޑިޝަން ރަނގަޅު އައިފޯން އެކްސް އެއްގެ ވެލިއު 470 އެމެރިކާ ޑޮލަރަށް އަރާއިރު، އައިފޯން ނޫން އެހެން ބްރޭންޑުތަކުގެ ފޯނުވެސް ޕިކްސެލްގެ އާ ފޯނާއި ޓްރޭޑު ކުރެވޭ ކަމަށް ގޫގުލް އިން ބުނެއެވެ.

ސެމްސަންގުންވެސް މީގެ ކުރިން އެ ކުންފުނީގެ އާފޯނުތައް ބާޒާރެއް ނެރުމުން މިފަދަ ޓްރޭޑް ކުރުމުގެ ފުރުސަތުތަކެއް ހުޅުވާލިއެވެ.