ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަފާތު ބަލިތަކަށް ފަރުވާ ހޯދެމުން ދާއިރު ކެންސަރުބައްޔަކީ އެބައްޔަށް ދާއިމީ ހައްލެއް ހޯދިފައިނުވާ އެހާމެ ނުރައްކާތެރި އަދި ބިރުވެރި ބައްޔެކެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މިބަލީގެ ޝިކާރައަކަށް ވެފައިވާ އެތައްބަޔަކު ތިބި ކަމީ ހިތާމަ ކޮށްލަންޖެހޭ ކަމެކެވެ. ނަމަވެސް އުފާކޮށްލަން ޖެހޭ ހަގީގަތަކީ، ދުރާލާ މިބަލީގެ އަލާމާތްތަކާއި ބަލި ޖެހެން ދިމާވާ ސަބަބުތަށް ދެނގަނެ އެކަމަށް ނަގަންޖެހޭ އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ މި ބަލިން ސަލާމަތްވުމުގެ ފުރުސަތު ވަރަށްވެސް ބޮޑުކަމެވެ.

ކެންސަރަކީ ހަށިގަނޑުގެ ސެލްތަކުގެ ޑީއެންއޭ އަށް ދިމާވާ މައްސަލައެއްގެ ސަބަބުން ސެލްތަށް އާދަޔާހިލާފަށް އެއްވެސް ހަމަ އެއް ނެތި ގިނަވެ އިތުރުވާން ފަށާ ބައްޔެކެވެ. ހަށިގަނޑުގައި މިފަދަ ސެލްތަށް ގިނަވާން ފަށާ ސަރަހައްދު ތަކުގައި ވަކިވަރަކަށް ދުވަސް ފުރިހަމަ ވުމުން ކުދި އަދި ބޮޑު ޓިއުމަރު އުފެދެން ފަށައެވެ. ކެންސަރު ބަލިން ސަލާމަތް ވުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ހަށިގަނޑުގައި އުފެދޭ މިފަދަ ޓިއުމަރުތަށް ވީހާވެސް އަވަހަށް ދެނެގަތުމެވެ. އެގޮތުން ހަށިގަނޑުގެ ބޭރުފުށުން ފެންނަ ނުވަތަ އަތުން އިހްސާސް ކުރެވޭ އާދަޔާހިލާފު ގަނޑު ނުވަތަ އޮށާރަފަދަ ތަންތަން ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ފަންސާސް އަހަރުން މަތީގެ އަންހެން ބޭފުޅުން ގަވާއިދުން އުރަމަތީގެ ކެންސަރަށާއި ރަހިމުގެ ކެންސަރަށް ސްކްރީން ކުރުމަކީވެސް މިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކެންސަރުބަލީގެ ސަތޭކައަށްވުރެ ގިނަ ބާވަތްތަށް ހިމެނޭއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗްއޯ) އިން ކުރި ދިރާސާތަކުން ދައްކާގޮތުގައި ދިވެހި ރާއްޖޭގައި އެންމެ އާންމު ކެންސަރު ބަލީގެ ބާވަތަކީ އަނގަޔަށް ޖެހޭ ކެންސަރު ނުވަތަ "އޯރަލް ކެންސާ" އެވެ. މިވައްތަރުގެ ކެންސަރު ދިމާވާން މެދުވެރިވާ މައިގަނޑު ސަބުތަކަކީ ދިވެހިންގެތެރޭގައި އާންމުވެފައިވާ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ސުޕާރީ ފަދަ ދުފުމަށް ބޭނުން ކުރާ ތަކެތީގެ ބޭނުންކުރުމެވެ. ދުންފަތާއި ސިގިރޭޓަކީ ކެންސަރުބަލި އަށް ވާރުތަކުރާ އެތަށް ހާސް ކެމިކަލްތަށް އެކުލެވިގެންވާ ތަކެއްޗެވެ.

މީގެއިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކެންސަރުގެ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމަށްވާ ފުއްޕާމޭގެ ކެންސަރު ވެސް ދިމާވުމަށް މަގުފަހި ވެގެން ދެއެވެ. އަދި ހަމައެހެންމެ ސުޕާރީ އަކީ އޭގައި ގިނަ އަދަދަކަށް ތައްޔާރީ ހަކުރުތަށް ކަމަށްވާ އެސްޕާޓޭމް ފަދަ ހަކުރުތަށް ހިމެނޭ އެއްޗެކެވެ. މިފަދަ ތައްޔާރީ ހަކުރު ތަކަކީ އޭގެސަބަބުން ކެންސަރު ބައްޔަށް ވާރުތަކުރާ ކަމަށް އެތަށް ހާސް ސައިންޓިފިކް ރިސާރޗް ތަކުން ސާބިތު ކޮށްދީފައިވާ ތަކެއްޗެވެ. އެހެންކަމުން މިތަކެތިންލިބޭ ގެއްލުމާއި މެދު ވިސްނައި މި ވަބާތަކުން ދުރުހެލިވެ ދުންފަތުގެ އިސްތިއުމާލުކުރުމާއި ސުޕާރީ ބޭނުންކުރުން ހުއްޓުމަކީ، ގައުމުގައި އާންމުވާންފަށާފައިވާ ކެންސަރުބަލިން ގައުމާއި ގައުމުގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ހުރީހާ ފަރުދުންގެވެސް އަމިއްލަ ޒިންމާއެކެވެ.

ކެންސަރުބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. އޭގެސަބަބުން އެތަށް އާއިލާއަކަށް ހިތާމަތަކެއް ކުރިމަތިކުރުވާފައިވާ ބައްޔެއްވެސް މެއެވެ. ނަމަވެސް މި ބަލިން ސަލާމަތްވުމަށްޓަކައި އެޅިދާނެ ނުހަނު ބައިވަރު ގޮތްތަށް ސައިންސުވެރިންނާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ވަނީ ހޯދާފައެވެ. އެބޭފުޅުން ދެއްވާ ލަފަޔާއި އިރުޝާދުތަކަށް ބޯލެނބުމާއި އެއާ އެއްގޮތަށް އަމަލު ކުރުމަކީ ކެންސަރުން ރައްކާތެރިވެގެންވާ ފާގަތި މުސްތަގުބަލަކަށްޓަކައި ކޮންމެ މީހެއްވެސް އަދާކުރަން ޖެހޭ ޒިންމާއެކެވެ. ހަމަ ޔަގީނުންވެސް އެގޮތަށް އަމަލު ކުރެވިއްޖެނަމަ ކެންސަރު ބަލި ފަދަ ނުރައްކާތަކުން ތިމާ އާއި ތިމާގެ އާއިލާ ސަލާމަތްވާނެކަމީ ޝައްކެއްވެސް ނެތް ހަގީގަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ ފަހުމީ

    ކެންސަރު ބަލީގެ އެންމެ މުހިއްމު އެއް ފަރުވާއަކީ ހެއްދެވި ފަރާތައް ދުޢާ ދެންނެވުމާއި، ހިތްވަރާއި ވަރުގަދަ ޢަޒުމް، އަދި ޢާއިލީ މީހުންގެ އެހީތެރިކަރިކަން.