އިނގިރޭސިވިލާތުގެ ލޯވާގައި ވިހެއި ކުއްޖެއްގެ ބަރުދަނުގައި 13 އައުންސް ހުރުމުން އެ ކުއްޖާ ދުނިޔޭގައި އެހާ ދުވަސް ވަންދެެން އޮންނާނެ ހެން ޑޮކްޓަރުންނަށްވެސް އެއިރު ހީނުވެއެވެ.

ޖޭޑަން ނަމަކަށް ކިޔާ މި ކުއްޖާ ވިހާފައި ވަނީ ގާތްގަނޑަކަށް ފަސް މަހުގައެވެ.

އޭނާގެ މަންމަ އެއްލޮން ސްމާޓް ބުނީ، ދަރިފުޅު މިހާރު ރަނގަޅު ވަމުން އަންނާތީ ދަރިފުޅަށްޓަކައި އޭނާ ފަހުރުވެރިވާކަމަށެވެ.

"އަހަރެން ކޮންމެ ދުވަހަކުވެސް ދަރިފުޅު ކައިރިއަށް ގޮސް ބުނަން، ދަރިފުޅު ދެކެ މަންމަ ފަހުރުވެރިވާކަމަށް". އޭނާ ކޭސީސީއައި.ކޮމް އަށް ބުންޏެވެ.

އެއްލޮން ބުނީ، ޖުލައި 11 ވަނަ ދުވަހު ވިހަން ޖެހިފައިވާކަން އޭނާއަށް އެނގުނު ކަމަށެވެ. އެއީ ހޭލިއިިރު ތަފާތުކަމެއް ފާހަގަވުމުން ކަމަށް އޭނާ ބުންޏެވެ. އަދި އެކަން ބައިވެރިޔާއަށް އެންގިތާ 10 މިނިޓް ފަހުން އޭނާގެ ފެންދުލި ފަޅައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އަދި ދެ މީހުން އެކުގައި ބްލޭންކް ޗިލްޑްރެން ހޮސްޕިޓަލަށް ގެނެސް، އެމަޖެންސީގައި ވަގުތުން ވިއްސިއެވެ.

ޖޭޑަން ވިހެއުމާއެކު، އޭނާއަކީ ދުވަސް ނުފުރާ ވިހާފައި ވާ ކުއްޖެއްކަމުން އިތުރުފަރުވާ ދޭން ޑޮކްޓަރުން ފެށިއެވެ.

އާއްމުކޮށް މިގޮތަށް ވިހާ ކުދިން ވަރަށް އަވަހަށް މަރުވެއެވެ. އަދި ބައެއް ކުދިންގެ ސިއްހީ ބޮޑެތި މައްސަލަތަކާއި ކުރިމަތި ވެއެވެ.

ޖޭޑަންއަށް މިހާރުވެސް ދަނީ ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާދެމުންނެވެ. އަންނަ ނޮވެމްބަރު މަސް ޖެހެންދެން އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދޭނެއެވެ. އެއީ ނޮވެމްބަރު މަހަކީ އެއްލޮން ވިހަން ބުނި މަހެވެ.

ކިޔުންތެރިންގެ ހިޔާލު