އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭ އަކަށް، އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކުރާ ދިވެހި ފިލްމު "ލީނާ" އަންނަ ޖޫން މަހު ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް މުއާ ބުނެފިއެވެ.

އއ. އުކުޅަހުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ހަދާ ފިލްމެކެވެ. ނަމަވެސް މިއީ އޭނާގެ ހަޔާތާއި ގުޅުން ހުރި ފިލްމެއް ނޫނެވެ.

"މިހާރު މިދަނީ ފޯސް ޕްރޮޑަކްޝަން މަސައްކަތް ކުރިއަށް. ދެން މި ވީކް ތެރޭގަ އެކްޓިން ނިންމާފަ ދެން ޑަބިންގެ މަސައްކަތް ނިންމާފަ ޖޫން 15 ހިސާބުގަ މާރކެޓިން ފަށަން މި ކިޔަނީ" ވަގުތު އަށް މައުލޫމާތު ދެމުން މުއާ ބުނެފައިވެއެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ އާއި ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒު (މުއާ) އެވެ. އޭގެ އިތުރުން ޒީނަތު އައްބާސް، އަހްމަދު ނިމާލް، ނުޒުހަތު ޝުއައިބު (ނުޒޫ) އަހްމަދު ސައީދު އަދި އަލީ އާޒިމް (ދޮން އައްޔަ) ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޝޫޓިން ފެށިފަހުން އަޒްލީނާގެ އާއިލާއިން މި ފިލްމު ނުހެދުމަށް ގޮވާލާފައިވީ ނަމަވެސް، މިހާރު މިވަނީ މި ފިލްމުގެ ޝޫޓިން ނިމި ބެލުންތެރިންނާއި ހަމައަށް އައުމުގެ މަގުމަތީގައެވެ.

މި ފިލްމާއި މެދު ވަރަށް ބޮޑު އުންމީދެއް ކުރެވޭ ކަމަށާއި ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް މި ފިލްމު ވެގެން ދާނެކަމަށް ވެސް މުއާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު