ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އޮންނަ އުސޫލަކީ ކުށެއް ކުރުމުން، އެ ކުށެއްގެ އަދަބެއްގެ ގޮތުން މީހުންނާއި އެކަހެރިކޮށް ޖަލަށް ލުމެވެ. ގައިދީން ޖަލުގައި ތިބޭ އިރު ޖަލުން ފިލައިފި ނަމަ އެއީ އަނެއްކާވެސް އެމީހުންގެ މައްޗައް އިތުރު ހުކުމެއް ލިބި، ގިނަ ދުވަސްތައް ޖަލުގައި ހޭދަ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް، ބައެއް ޤައުމުތަކުގައި ޖަލުން ފިލުމަކީ ހުއްދަ ކަމެއްކަން އެނގޭ ހެއްޔެވެ؟

ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން މެކްސިކޯގެ ގާނޫނު އަސާސީ ބަޔާން ކުރާ ގޮތުން ޖަލުން ފިލުމަކީ ހުއްދަ ކަމެކެވެ. އަދި އެއީ އެންމެ އަސާސީ އިންސާނީ ހައްގެއް ކަމުގައިވެސް އެ ޤައުމުތަކުން ބަލައިގަނެއެވެ. އެހެންކަމުން، ކުށެއް ކޮށްފައިވާ މީހަކު ހުއްދަ ގޮތުގައި ޖަލުން ފިލައިފިނަމަ އެ މީހަކު މިނިވަން ވެގެން ދާނެއެވެ. ނަމަވެސް، ޖަލުން ފިލުމުގެ ތެރޭގައި ކުށެއް ކޮށްފިނަމަ، އެ ކުށަކަށް ދައުވާ ކުރެވިގެން ދާނެއެވެ. މީގެ ތެރޭގައި ޖަލުގެ މުދަލަކަށް ގެއްލުން ދިނުމާއި އެތަނުން ދީފައިވާ ޔުނީފޯމާއި އެކު ފިލުންވެސް ހިމެނޭނެއެވެ.

ޖޯއެލް ކަޕްލަން އަކީ އެކުގައި މަސައްކަތް ކުރި ވިޔަފާރިވެރިޔާ މަރާލި މައްސަލާގައި މެކްސިކޯގެ ޖަލެއްގައި ހުކުމް ތަންފީޒް ކުރަމުން ގެންދިޔަ މީހެކެވެ. ޖޯއެލް އަށް ގިނަ އަދަދެއްގެ ފައިސާ ތަކެއް ވާރުތަ ވެފައި އޮތުމުން ޖަލުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޖަލުން ފިލުމަށް ޖޯއެލް ވަނީ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށް، އެކަން ނާކާމިޔާބު ވެފައެވެ.

ޖޯއެލް އޭނާގެ އަނބިމީހާ އާއި އެކު

ނަމަވެސް، 1971ވަނަ އަހަރު ޖޯއެލް ވަނީ ޖަލުގެ ގާޑުން ފިލްމެއް ބަލަން ތިއްބައި، ކޮމްޕައުންޑު ތެރެއަށް ހެލިކޮޕްޓަރެއް ޖައްސުވައިގެން އެހެން ގައިދީ އަކާއި އެކު އޭގައި ފިލާފައެވެ. ޖަލުގެ ގައިދީންނަށް ހީވެފައި އޮތީ ހެލިކޮޕްޓަރުގައި އައީ ސަރުކާރުގެ އިސް ވެރިއެއް ކަމަށެވެ. ޖޯއެލް ޖަލުން ފިލިއިރު، ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާއިރު، ޕްރައިވެޓް ހެލިކޮޕްޓަރުގައި އެއާޕޯޓަކަށް ގޮސް އޭނާ ވަނީ ޕްރައިވެޓް ޖެޓެއްގައި އެހެން ގައުމަކަށް ގޮސްފައެވެ.

ކުއްޔަށް ނަގާފައިވާ ހެލިކޮޕްޓަރެއް ނުވަތަ ޖެޓެއް ބޭނުން ކުރިނަމަ އެކަމަށް އޭގެ މައްޗައް ދައުވާ ކުރެވޭނެއެވެ. ނަމަވެސް، ޖޯއެލް އެކަން ކުރީ ހުއްދަ ގޮތުގައި ކަމުން އޭނާ ހޯދާކަށް ފުލުހުން މަސައްކަތެއް ނުކުރެއެވެ. އަދި އަހަރުތަކެއް ފަހުން އޭނާ މެކްސިކޯ އަށް އައުމުން އޭނާ އަށް މިނިވަންކަން މަތީ އެ ޤައުމުގައި އުޅުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

ޖޯއީގެ އިތުރުންވެސް ހުއްދަ ގޮތުގައި ޖަލުން ފިލާފައިވާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްލެވެއެވެ.