ޗައިނާގެ އުތުރުގެ ސަރަޙައްދެއްގައި އޮންނަ ވޯޓާޕާކެއްގެ ސްވިމިންގް ޕޫލެއްގައި އުފެދުނު އާދަޔާއި ޚިލާފަށް ބޮޑު ރާޅެއްގެ ސަބަބުން ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިއްޖެއެވެ.

ސްވިމިންގްޕޫލުގައި ރާޅު އުފެއްދުމަށް ބޭނުންކުރާ އާލާތެއްގެ މަސައްކަތަށް ބުރޫ އަރައި، ގިނަ ބަޔަކު ތިބި ވަގުތެއްގައި އުފެދުނު އާދަޔާއި ޚިލާފަށް ބާރުގަދަ ބޮޑު މި ރާޅު ޖެހި ވަގުތު ކަންހިނގައިދިޔަ ގޮތް ފެންނަ ވިޑީއޯތައް މިހާރު ދައުރުވަމުންދާއިރު، އެ ވީޑިއޯގައި ފެންނަނީ ޕޫލަށް އެވަގުތު އެރި ތިބި ގިނަ ބަޔަކު ރާޅާއެކީ ބެހިގެންދާ މަންޒަރެވެ.

އަދި އާދަޔާއި ޚިލާފަށް ހަލުވިކަމާއެކު ޕޫލުގައި ތިބި އެތައް ބަޔަކާއެކު، ޕޫލުގެ އެއްކައިރިން ރާޅު އަރައިގެންދާ މަންޒަރު ވީޑިއޯއިން ފެންނައިރު، ރާޅާއެކު ބައެއް މީހުން ޕޫލުން ބޭރަށްވެސް އެއްލާލާފައި ވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ، މި ހާދިސާގައި ގާތްގަނޑަކަށް 44 މީހަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް މީހުންގެ މޭކަށިގަނޑުގާއި އަތައި ފައިގެ ކަށިތަކުގައި ރެނދުލާފައި ހުރި ކަމަށްވެސް ޗައިނާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް މި ހާދިސާގައި އަނިޔާވި މީހުންނާއި ބެހޭ އިތުރު މައުލޫމާތެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ހާދިސާ ހިނގި ސިޓީ ކަމަށްވާ ލޮންޖިންގްގެ ކަމާއި ބެހޭ އިދާރާތަކުން ތަހުޤީޤެއް ކުރިޔަށްގެންދާއިރު، އެފަރާތްތަކުން ބުނީ މިހާތަނަށް ބެލި ބެލުމުން، އެއީ ރާޅު އުފައްދާ އިލެކްޓްރިކް މެޝިނަށް ޖެހުނު މައްސަލައެއްގެ ސަބަބުން ހިނގައިދިޔަ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.