ސިކުނޑީގައި އިންފެކްޝަން އުފެދުމަށް މަގުފަހިކުރާ ވިހައެއް ހަށިގަނޑަށް ދޫކޮށްލާ ނުރައްކާތެރި ސޫތްޕެއްގެ ބިރު އެމެރިކާގައި ބޮޑުވެއްޖެއެވެ. މީގެ ކުރިން މަދުން ނޫނީ ނުފެންނަ މި ސޫފި، އެމެރިކާގެ ނިއުޔޯކުން މިހާރު ފެންނަ މިންވަރު އިތުރުވެފައިވާއިރު އޭގެ ސަބަބުން އެ ސިޓީން މީހަކު މަރުވެފައި ވެސް ވެއެވެ.

ނިއުޔޯކުގެ ސިއްހީ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ސިކުނޑީގެ އިންފެކްޝަނެއްގައި މަރުވި އެމީހާއަށް ޖެހިފައިވަނީ ޕޮވައްސަން ނަމަކަށްކިޔާ ބައްޔެއް ކަމަށެވެ. މިއީ މިއަހަރު އެމެރިކާއިން މިއަހަރު ރެކޯޑު ކުރެވިފައިވާ މި ބަލީގެ ފުރަތަމަ ހާދިސާއެވެ. ސިއްހީ އޮފިޝަލުން ބުނެފައިވާ ގޮތުގައި، މި ބަލި ޖެހުމަށް މެދުވެރިކުރާ ސޫފި، އޭގެ ހަށިގަނޑުގައިވާ ވިހަ އިންސާނާގެ ހަށިގަނޑަށް ފޮނުވާލަނީ ދަތްއަޅާ ވަގުތުއެވެ. މި ވިހައިގެ އަސަރު ސިކުނޑިއާއި ހަމައަށް ފޯރަން ގިނައިރެއް ނުނަގާއިރު، އޭގެ ނުރައްކާ ކުރިމަތިވާއިރު ގިނަ ފަހަރަށް އޮންނަނީ މާބޮޑަށް ލަސްވެފައި ކަމަށް އެފަރާތްތަކުން ބުނެއެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، މި ސޫފީގެ ނުރައްކާ މިހާރު ބޮޑުވަމުން އަންނައިރު، އެކަމަށް ޚާއްސަ ސަމާލުކަމެއް ވަނީ ދޭން ޖެހިފައެވެ. އެގޮތުން ގިނައިން ގަސް ހުންނަ އާންމު ތަންތަނުގައި ހަރަކާތްތައް ކުރިޔަށްގެންދިއުމުގައި ސަމާލުވުމަށް އެފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ޕޮވައްސަން އަކީ ވައިރަސް އެކެވެ. މި ވައިރަސް އަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި ވައިރަސްތަކުގެ ތެރޭގައި ހިމެނޭ ޒިކާގެ އިތުރުން ޑެންގޫ އާއި ރީނދޫ ހުމާއި އެއްގޮތް ވައިރަސްއެއް ކަމަށް ވެއެވެ. މި ވައިރަސް ޖައްސާ ސޫފި އޭގެ ވިހަ އިންސާނާގެ ހަށިގަނޑަށް ފޮނުވާލާއިރު، އެ ސޫފި އިންސާނާގެ ހަށިގަނޑުން ލޭ ބޮއެވެ.

ޕޮވައްސަން އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ވައިރަސް އެކެވެ. އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާގޮތުގައި މިދިޔަ އަހަރު މި ވައިރަސް ޖެހިގެން ރެކޯޑު ކުރެވިފައި ވަނީ ޖުމްލަ 21 ކޭސް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. خشيار

    މި ރާއްޖޭގައި ވެސް މި ބަލި ަުަުއައުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން خشيار ވެ ައަވަހަށް ތައްޔާރީތައް ވާންވީ،

  2. އަޙްމަދް

    އަވަހަށް ވެކްސިން ޖަހަން އުޅޭ!