ނަވާރަސްތޭކައިގެ ފަހުކޮޅު އަދި މިހާރުވެސް ކުޑަކުދިންގެ ތެރޭގައި އެންމެ މަގުބޫލު ކާޓުން ކެރެކްޓާސް ތަކުގެ ތެރޭގައި މިކީ މައުސް އާއި މިނީ މައުސް ހިމެނޭނެކަން ޔަގީނެވެ. އެ ދެ ކެރެކްޓާސްގެ އަޑު އެހައި ގުޅޭ އިރުގައި، އެ ދެ އަޑު ކައިވެނި ކޮށްގެން އުޅުނުކަން އެނގޭ ހެއްޔެވެ؟

މިނީ މައުސް އަށް އަޑު އަޅާދީފައިވާ ރުސީ ޓޭލާ އާއި މިކީ މައުސް ވޭން އެލްވިން ދިމާވެފައި ވަނީ 1988ވަނަ އަހަރު ޓޯޓަލީ މިނީ ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. ރެކޯޑިން ސްޓޫޑިއޯ އެއް ތެރެއިން މި ދެމީހުން ދިމާވެފައި ވާއިރު، ދެމީހުންވެސް އޭރު އުޅުނީ އެހެން ކައިވެންޏެއްގައެވެ.

ނަމަވެސް، އެމީހުން އުޅެމުން އައީ އުފާވެރި ކައިވެންޏެއްގައި ކަމަށް ނުވުމުން، ދެމީހުންވެސް ވަނީ "ޓޯޓަލީ މިނީ" ކާޓޫން އަށް ފަހު ދެން ދިމާވުމުގެ ކުރިން، ކުރީގެ ކައިވެނި ރޫޅާލާފައެވެ. އެއަށް ފަހު ދެ މީހުން އެކުވެރިންގެ ގޮތުގައި އެއްކޮށް ވަގުތު ހޭދަކުރަން ފެށިއިރު، އެމީހުން ދިމާވިތާ 3 އަހަރު ފަހުން ވަނީ ކައިވެނި ކޮށްފައެވެ.

އެލްވިން އަދި ރުސީ

މިނީ އާއި މިކީގެ އަޑަކީ އަހާލަންވެސް ހިތްގައިމު ދެ އަޑު ކަމުގައި ވާއިރު، މީގެ 10 އަހަރު ކުރިން އެލްވިން މަރުވުމާއި ހަމައަށް އެ ދެމީހުން އުޅުނީ އުފަލުގައި ކައިވެނި ކޮށްގެންނެވެ. ދާދި ފަހުން މުޅި ދުނިޔެ ސިއްސުވައިލި ހަބަރަކީ މިނީ މައުސް އަށް އަޑު އަޅައިދިން ރުސީ ޓޭލާ މަރުވި ހަބަރެވެ.

އުމުރުން 75 އަހަރުގައި ރުސީ ޓޭލާ މިއަހަރުގެ ޖުލައި 26ގައި މަރުވެފައި ވަނީ ކެންސަރުގެ ޝިކާރަ އަކަށް ވެގެންނެވެ. މިކަމާއި ގުޅިގެން އެތައް ބަޔަކު އަންނަނީ މިނީ އާއި މިކީ މައުސް އަށް އަޑު އަޅައިދިން ދެ ފަރާތުގެ އަގު ވަޒަންކޮށް އެމީހުންނަށް ޝުކުރު އަދާކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު