ޑްވޭން ޖޯންސަން ނުވަތަ މަޝްހޫރު ނަމުން ނަމަ "ދަ ރޮކް"އޭ ބުނުމުން އެއީ ކާކުކަން ކުޑަކުދިންނަށްވެސް އެނގޭނެއެވެ. އެއީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. މީގެ 15 އަހަރު ކުރިން ވޯލްޑް ރެސްލިންގް އެންޓަޓެއިންމެންޓު (ޑަބްލިއުޑަބްލިއުއީ) އިން މީހުންގެ ސަމާލުކަން ހޯދި ރޮކް، ރެސްލިންނާ ދުރަށް ދިއުމަށް ފަހު، މިހާރު ވަނީ ރަސްމީކޮށް އެކަން ހުއްޓާލިކަން ހާމަކޮށްފައެވެ.

ދާދި ފަހުން ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ރޮކް ބުނެފައިވަނީ އޭނާ ރެސްލިންނާ ދުރަށް ދިޔައީ މަޑުމަޑުން ކަމަށާއި، އެހެން ނަމަވެސް، އެ ކުޅިވަރު މަތިން އޭނާ ވަރަށް ހަނދާން ވާ ކަމަށެވެ.

"ރެސްލިންގެ ތެރޭގައި އުޅުނު ދުވަސްވަރު މަތިން އަހަރެން ވަރަށް ހަނދާން ވޭ. އެއީ އަހަރެން ވަރަށް ލޯބި ކުރާ ކުޅިވަރެއް" ރޮކް ބުނެފައި ވެއެވެ.

ޑަބްލިއު ޑަބްލިއުއީގައި އެތައް ބަޔެއްގެ ލޯބި ހޯދުމަށް ފަހު 2004ވަނަ އަހަރު އެ ކުންފުންޏާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ރޮކް ނިންމީ އޭނާ ބޭނުންވި ފްލިމީ ކެރިއަރުން ކުރިއަށް ދާށެވެ.

އޭގެ ފަހުން ފާސްޓް އެންޑް ފިއުރިއަސްއާއި ޖުމަންޖީގެ އިތުރުން ސެން އެން ރޭސް ފަދަ މަޝްހޫރު އެތައް ފިލްމަކުން ރޮކް ވަނީ ފެނިގެން ގޮސްފައެވެ. ރޮކަކީ މިހާރުވެސް ޑަބްލިއު ޑަބްލިއުއީގެ އެތައް ބަޔަކު ލޯބިކުރާ މީހެއް ކަމުގައި ވާއިރު، އޭނާގެ ފިލްމް ތަކަށް ބޮޑު ތަރުހީބެއް ލިބޭކަންވެސް ފާހަގަކޮށްލެވެއެވެ.