އަލީ އައްބާސް ޑައިރެކްޓުކޮށް ފިރިހެން ލީޑު ރޯލުން ސަލްމާން ޚާނު ފެނިގެންދާ "ބާރަތު" ގައި މަސައްކަތް ކުރުމަށް ޕްރިޔަންކާ ޗޯޕްޅާ "ކުއަންޓިކޯ" ދޫކޮށްލުމަށް ވިސްނަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ނޫހެއްކަމުގައިވާ "މިޑް ޑޭ" އިން ބުނެފައިވާ ގޮތުގައި ޕްރިޔަންކާ ހުރީ ބާރަތު ފިލްމުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. އަދި، އޭނާ މިހާރު ފިލްމުގެ ސްކްރިޕްޓުވެސް ކިޔާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، ކުއަންޓިކޯގެ ހަތަރުވަނަ ސީޒަނުގެ މައްޗަށް ޕްރިޔަންކާ މި ފިލްމު ނެގުން އެކަށީގެންވާކަމަށް އެފަރާތުން ބުނެފައިވެއެވެ.

މިޑް ޑޭ އިން އިތުރަށް ބުނެފައިވާ ގޮތުގައި 10 އަހަރު ފަހުން އަލުން ސަލްމާނާ އެކު މަސައްކަތް ކުރަން ލިބުމަކީވެސް ޕީސީ މި ފިލްމު ނަގާނެކަމަށް ބެލެވޭ އެއް ސަބަބެވެ. އެހެންނަމަވެސް، އޭނާ އަދި މިކަމަށް ގޮތެއް ނިންމާފައި ނުވާކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

އެނޫހަށް މައުލޫމާތު ދީފައިވާ މަސްދަރަކުން ބުނެފައިވާ ގޮތުގައި ކުއަންޓިކޯ އިތުރު ސީޒަނަކަށް ދެމިގެން ގޮސްފިނަމަ، ބެލުންތެރިންގެ މެދުގައި އެސީރީޒް އަށް އޮންނަ މަޤުބޫލުކަން ކުޑަވެދާނެކަމަށް ޕީސީ ޤަބޫލުކުރެއެވެ. އަދި އެކަން ބިނާވެގެންދާނީ މި ފެށުނު އޭޕްރީލު މަހުގެ 26 ވަނަ ދުވަހު ދައްކަން ފަށާ ކުއަންޓިކޯގެ ތިންވަނަ ސީޒަނަށް ލިބޭ ކާމިޔާބަކުންކަމަށްވެސް ބުނެފައިވެއެވެ.

ކުއަންޓިކޯ އިން ހޮލީވުޑަށް ތަޢާރަފްވި ޕީސީ ވަނީ "ބޭވޮޗް" އިންވެސް ފެނިގެންގޮސްފައެވެ. އެހެންނަމަވެސް، ދެން އޭނާ ބޭނުންވަނީ އަނެއްކާވެސް ބޮލީވުޑު ފިލްމެއް ކުޅެންކަމަށް އެތައް ބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާބޮޑަށް އިނގިރޭސި ވެގަނެގެން ފަރަންޖީން ފަދައިން އޮރިޔާމުން އުޅެގެން ވަކި ކޮންކަމެއްބާއޭ!