އަންހެނުންނަށް މަހަކު އެއްފަހަރު ނުވަތަ ދެމަހުން އެއް މަހު އަންނަ މައްސަރު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ އުނދަގޫ އެއް ދުވަސް ވަރެވެ. އެހެނީ މައްސަރު ދުވަސްވަރު ކުރިން ނުވާ އެތަކެއް އުނދަގޫތަކެއް އެމީހަކަށް ކުރިމަތިވާތީއެވެ.

މައްސަރު ދުވަސްވަރު އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު ބަނޑުގައި ރިއްސާވަރުން އިތުރު އެއްވެސް ކަމެއް ކުރުމަށް ނުކުޅަދާނަވާ ފަހަރުވެސް އާދެއެވެ.

މައްސަރު ދުވަސްވަރު ބަނޑުގައި ރިއްސަން މެދުވެރިވަނީ މައިގަނޑު ދެ ސަބަބަކާއި ހުރެއެވެ. އެއް ސަބަބަކީ ރަހިމު ދުޅަވުމެވެ. މައްސަރު ދުވަސްވަރުރަހިމުގައި ހުންނަ ފަށަލަތައް ނެއްޓި ބޭރުވާން ފަށާނެއެވެ. އަދިހޯމޯން އާއި އެއްގޮތަށް މަސައްކަތްކުރާ މާއްދާއެއް ކަމަށްވާ ޕްރޮސްޓަގްލަންޑިންސް އިން ރަހިމުގެ ފާރުތައް ކޮންޓްރެކްޓް ވުމަށް މެދުވެރިކުރުވައެވެ. އަދި މީގެ ސަބަބުން ރަހިމު ދުޅަވެ ތަދުވާން ފަށައެވެ. އަދި މި މާއްދާ ގިނަވި މިންވަރަކަށް އަރާ ތަދުވެސް އިތުރުވާނެއެވެ.

މައްސަރު ދުވަސްވަރު ބަނޑަށް ތަދުވާ އަނެއް ސަބަބަކީ ރަހިމަށް އޮކްސިޖަކް ނުލިބުމެވެ. އެހެނީ ރަހިމު މަސްތައް ހަރަކާތްކުރަން ފެށުމުން ވަށާ ހުންނަ ލޭނާރުތަކުގައި ޖެހި ކޮންމެވެސް ވަރަކަށް ފިތޭ ގޮތް ވާނެއެވެ. އަދި މީގެ ސަބަބުން ރަހިމަށް އޮކްސިޖަން ނުލިބި ވަގުތުކޮޅެއް ހޭދަވެއެވެ. އަދި މިކަމުގެ ސަބަބުން ބަނޑުގައި ރިއްސުމަށް މެދުވެރިވެއެވެ.

މައްސަރު ދުވަސްވަރުވާ ތަދު ކުޑަކުރުމަށް ގަވައިދުން ކަސްރަތު ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. ކެފޭން އަދި ލޮނު ގިނަ ކާނާ އާއި ބުއިންތަކުގެ އިތުރުން ސިނގިރޭޓް ބުއިމާއި ދުރުވުމުން ވެސް ތަދު އިހްސާސް ކުރެވޭލެއް ކުޑަވެއެެވެ.

މީގެ އިތުރުން ހާބަލް ޓީއެއް ބޭނުން ކުރުމަކީ ވެސް ތަދު ކަނޑުވަން ކުރެވިދާނެ ކަމެކެވެ. އަދި ކޮންމެވެސް ވަރަކަށް ބަނޑަށާއި އުނަގަނޑަށް ހޫނު ކުރުމަކީ ވެސް ތަދު ކުޑަ ކުރެވޭނެ ކަމެކެވެ.

ވިޓަމިން ބީ އެކުލެވޭ އެއްޗެހި ބޭނުން ކުރުމަކީ ވެސް ތަދު ކުޑަވާނެ ކަމެކެވެ.

ތަދު ކަނޑުވަން ޕެއިންކިލާއެއް ބޭނުން ކުރުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޕެއިންކިލާއެއް ބޭނުން ކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.