އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ފީރޯޒްއާބާދުގައި ހެލްމެޓް ނާޅައި ސައިކަލެއް ދުއްވާފައި ދަނިކޮށް ޖޫރިމަނާ ކުރި މީހަކު ފުލުހުންގެ ކިބައިން ބަދަލު ހިފައިފިއެވެ.

ފީރޯޒްއާބާދުގެ ކަރަންޓުގެ ޚިދުމަތްދޭ އިންޖީނު ގޭގައި މަސައްކަތްކުރާ ސްރީނިވާސް ނަމަކަށްކިޔާ އެމީހާ ހެލްމެޓް ނާޅާ ދުއްވާފައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ފިޔަވަޅު އަޅާފައިވާއިރު، ޖޫރިމަނާކޮށްފައި ވަނީ 500 އިންޑިއަން ރުޕީސް އިންނެވެ.

ނޫސްތައް ބުނާގޮތުގައި ހެލްމެޓް ނާޅައި ސައިކަލް ދުއްވި މައްސަލައިގައި ފުލުހުން ސްރީނިވާސް ހުއްޓުވައި އޭނާ ޖޫރިމަނާ ކޮށްފައި ވަނީ، އެ ސަރަޙައްދުގައި ކަރަންޓުގެ މައްސަލައެއް ދިމާވެގެން އެކަން ޙައްލު ކުރުމަށް ދަނިކޮށެވެ. އެހެންކަމުން އިތުރު ފުރުސަތެއްދީ ދޫކޮށްލުމަށް އޭނާ ފުލުހުންގެ ކިބައިން އެދުނު ކަމަށް ނޫސްތައް ބުނެއެވެ.

އާންމު ޚިދުމަތެއްގައި ޤަވާއިދާ ޚިލާފަށް ދަނިކޮށް ފިޔަވަޅު އެޅުމާއި ގުޅިގެން އޭނާއަށް މަޢާފު ދިނުމަށް ސްރީނިވާސް އެދުނު ނަމަވެސް ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށްފައެވެ. މިކަމާއި ގުޅިގެން އޭނާ ފަހުން ވަނީ ފުލުހުންގެ ކިބައިން ބަދަލު ހިފާފައެވެ.

ޚަބަރުތައް ބުނާގޮތުގައި ސްރީނިވާސް ފަހުން ވަނީ، އެ ސަރަޙައްދުގެ ފުލުހުންގެ އިދާރާއިން ގިނަ ދުވަސްތަކެއް ވަންދެން ކަރަންޓު ބިލްތައް ނުދައްކައި ހުރުމުން އެ އިދާރާއިން ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ. އޭނާ ބުނީ، ފުލުހުން އޭނާ ހެލްމެޓް ނާޅާ ދުއްވާފައި ދަނިކޮށް ޓްރެފިކް ޤަވާއިދާ ޚިލާފުވުމުން އަމަލުކުރާ ގޮތް ކިޔާދިނުމުން، ކަރަންޓު ބިލް ނުދެއްކުމުން ކަންތައް ކުރާ އުސޫލު ފުލުހުންނަށް ކިޔައިދީފައިވާ ކަމަށެވެ.

ނޫސްތައް ބުނާގޮތުގައި އެ ސަރަޙައްދުގެ ފުލުހުންގެ އިދާރާއިން، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން ކަރަންޓު ބިލްތައް ދައްކާފައެއް ނުވެއެވެ. އެ ބިލްތަކުގެ ޖުމްލަ އަދަދު އިންޑިއާގެ ހަތްލައްކައެއްހައި ރުޕީސް އަރާކަމަށް އޮފިޝަލުން ބުނެއެވެ.

މިކަމާއި ގުޅިގެން ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން އެ އިދާރާއިން ކަރަންޓު ކަނޑާލާފައި އޮތްއިރު، ފުލުހުންނާއި ކަރަންޓުގެ ޚިދުމަތްދޭ ކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުމަކަށްފަހު އިދާރާއަށް ވަނީ އަލުން ކަރަންޓުގެ ޚިދުމަތް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު