އިންޑިއާއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޒުވާނަކު ދަން ޖެހިގެން އަމިއްލައަށް މަރުވި މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށް، އެ ޒުވާނާ މަރުވީ ޕަބްޖީ އެޑިކްޓުގެ ސަބަބުން ކަމަށް އާއިލާއިން ބުނެފިއެވެ.

މި ޒުވާނާ މަރުވެފައި ވާކަން އާއިލާއަށް އެނގުނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއް ގައެވެ. އޭނާގެ މަންމައަށް ފެނުނުއިރު އޭނާ ހުރީ ގޭގެ ސީލިންގގައި ހުރި އެއްޗެއްގައި ވަލެއް އައްސައިގެން ދަންޖެހިފައެެވެ.

ފުލުހުން ބުނީ، އެ ޒުވާނާ ދަން ޖެހުނީ ހޮނިހިރު ދުވަހުގެ ރޭގައި ކަމަށެވެ. އަދި އެރޭ އޭނާގެ މަންމައާއި އޭނާއާ ދެމެދު ވާހަކަ ދެކެވިގެން ދިޔައީ އޭނާ މާގިނައިން ޕަބްޖީ ގޭމް ކުޅޭތީ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ މަންމަ ބުނީ، އޭނާ ދަރިފުޅާއި ދިމާއަށް އެރޭ ހަޅޭނުލަވާ ކަމަށާއި، ދަރިފުޅުގެ ފަރާތުން އެރޭ ތަފާތު ކަމެއް ފެނިފައި ނުވާ ކަމަށެވެ. އަދި ދަރިފުޅު އޭނާގެ ގާތުގައި އެރޭ ނިދަން އޮތް ކަމަށްވެސް ބުންޏެވެ.

"އެހެން ނަމަވެސް ހެނދުނު ހޭލާފައި އަނެއް ކޮޓަރި ބަލާލިއިރު ދަރިފުޅު ހުރީ ދަން ޖެހިފައި".

އެ ޒުވާނާގެ އާއިލާގެ މީހަކު ބުނިގޮތުގައި، އެ ޒުވާނާއަކީ ޕަބްޖީއަށް ވަރަށް ބޮޑަށް ދެވިހިފާފައި ހުންނަ މީހެކެވެ. އަދި އޭނާ ޕަބްޖީ ކުޅުމުގައި އެތައް ގަޑިއިރެއް ހޭދަ ކުރެއެވެ.

އެހެންވެ މި ޒުވާނާގެ އާއިލާއިން ތުހުމަތު ކުރަނީ މި ޒުވާނާ މަރުވީ ޕަބްޖީއަށް ވަރަށް ބޮޑަށް ދެވިހިފާފައި ހުރުމުގެ ސަބަބުން ކަމަށެވެ.