ހާޓް އެޓޭކް އަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ގިނަ ފަހަރަށް ހާޓް އެޓޭކް ޖެހެން މެދުވެރިވަނީ ކުރިމަތިވާ ބޮޑު ހިތާމައެއްގެ ސަބަބުންނެވެ. އަދި ބައެއް ފަހަރު ލިބޭ ކުއްލި ޝޮކެއްގެ ސަބަބުންވެސް ހާޓް އެޓޭކް ޖެހެން މެދުވެރިވެއެވެ.

ހާޓް އެޓޭކް ޖެހުމަކީ ހިތުގެ މަސްގަނޑަށް ދާއިމީ ސިފައެއްގައި ގެއްލުން ލިބުމެވެ. ހާޓް އެޓޭކަށް ޞިއްޙީ ދާއިރާގައި ދެވިފައިވާ ޚާއްޞަ ނަމަކީ "މެޔޯ ކާޑިއަލް އިންފަރަކްޝަން" މިއެވެ.

ހާޓް އެޓޭކް ޖެހެން މެދުވެރިވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، ހިތުގެ ވަކި ހިސާބަކަށް ލޭދިއުން މަދުވުމުން އޭގެ ސަބަބުން ހިތުގެ ބައެއް ސަރަހައްދުތަށް ހަލާކުވެގެންނެވެ. އެހެން ނަޒަރިއްޔާއަކުން ބުނާނަމަ ހާޓް އެޓޭކް ޖެހެން މެދުވެރިވަނީ ހިތުގެ ބަޔަކަށް ލޭފޯރުކޮށްދިނުމުގައި ހުރަސް ތަކާއި ކުރިމަތިވެ، އެހިސާބަށް ލޭ ފޯރުކޮށްނުދިނުމުގެ ސަބަބުން އެހިސާބުގެ ސެލްތައް ހަލާކުވެ މަރުވުމުންނެވެ.

އާންމުގޮތެއްގައި ހާޓް އެޓޭކް ޖެހެނީ ހިތަށް ލޭ ފޯރުކޮށްދޭ މައި ނާރުކަމަށްވާ "ކޮރޯނަރީ އާޓަރީ" ބެދި ލޭ ހޮޅީގައި އުފެދޭ ކޮބަޑިތައް ފަޅައިގެން ދިޔުމުންނެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުގައި ހާޓް އެޓޭކް ޖެހެނީ މައިގަނޑު ދެގޮތަކަށެވެ.

އެގޮތުން ފުރަތަމަ ގޮތަކީ ސާފު ލޭ ދަތުރުކުރާ ލޭހޮޅީގެ ތެރޭގައި ގަނޑުލޭކޮޅު އުފެދި، ލޭހޮޅީގެ ތެރޭގައި ތާށިވެ، ލޭހޮޅި ބެދޭގޮތް ދިމާވުމެވެ. ނުވަތަ ލޭހޮޅީގެ ތެރޭގައި އުފެދޭ "ޕްލާކު"ން އުތުވިގެންދާ އެތިކޮޅުކޮޅު ލޭހޮޅީގެ ތެރޭގައި ތާށިވެ ބެދޭގޮތްވުމެވެ. އަދި ދެވަނަ ގޮތެއްކަމުގައި ސައިންސްވެރިން ވިދާޅުވަނީ ސާފު ލޭ ދަތުރުކުރާ ލޭހޮޅި ހިމަވުމެވެ.

ހާޓް އެޓޭކް އާންމުކޮށް ޖެހެނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ކަމުގައިވިޔަސް ހާޓް އެޓޭކް ކޮންމެ އުމުރެއްގައިވެސް ޖެހިދާނެ އެވެ. އެހެންކަމުން ހާޓް އެޓޭކް ޖެހުމުން ރައްކާތެރިވުމަށް ނުރަނގަޅު އާދަތަކާއި ދުރުވެ ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    "ގިނަ ފަހަރަށް ހާޓް އެޓޭކް ޖެހެން މެދުވެރިވަނީ ކުރިމަތިވާ ބޮޑު ހިތާމައެއްގެ ސަބަބުންނެވެ. އަދި ބައެއް ފަހަރު ލިބޭ ކުއްލި ޝޮކެއްގެ ސަބަބުންވެސް ހާޓް އެޓޭކް ޖެހެން މެދުވެރިވެއެވެ."

    މިއީ ހަމަޖެހޭ ވާހަކައެށް ނޫން!!