ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭ އިރުގައި މައްސަލަތައް ޖެހޭނޭ ކަމާއި މެދު ޝައްކެއް ނެތެވެ. އެކި މީހުންނަށް އެކި މައްސަލަތައް ކުރިމަތި ވާއިރުގައި، ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ ނަފްސް ނިކަމެތި ކޮށްލުމަށް ފަހު ލޯބިވެރިޔާ ހިތު ހުރި ގޮތަކަށް ކަންތައް ކުރަން ދީގެން ތިބޭ މީހުންނެވެ.

ހަނދާނުގައި ބަހައްޓަން ވީ ކަމަކީ އަހަރެމެން އެންމެނަށްވެސް ލޯބިވާ މީހެއް ލިބޭނޭ ކަމާއި، ދުވަހަކުވެސް އެހެން މީހެއްގެ "ސެކަންޑް ޗޮއިސް" އަށް ނުވުމަށެވެ. ފަހަރުގައި ކުރީގެ ލޯބިވެރިޔާ އާއި ދުރުވާން ޖެހުނީ މިފަދަ ކަމެއް ކުރިމަތި ވެގެން ކަމުގައިވެސް ވެދާނެއެވެ.

އެއީ ހިތާމަ ހުރި ކަމެއް ނަމަވެސް، ތިމާ ކޮށްދޭ ކަންކަން ބަލައި ނުގަންނަ މީހަކާއި އެއްކޮށް އުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ތިމާ ދޫކޮށްލާފައި އެހެން މީހެއް ކައިރިއަށް ގޮސް ފޫހިވުމުން އަނެއްކާވެސް ތިމާ ކައިރިއަށް އައިސް އެއްކޮށް އުޅުމުގެ ފުރުސަތު ލޯބިވެރިޔާ އަށް ނުދޭށެވެ. އެހެން ކަންތައް ކޮށްފިނަމަ، އަމިއްލަ ނަފްސަށް ދޭން ޖެހޭ އިހްތިރާމް ނުކުރެވެނީ އެވެ.

ތިމާގެ އަގު ވަޒަން ނުކުރާ މީހަކާއި އެއްކޮށް އުޅުމަކީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށް ވާއިރު، އެފަދަ މީހުންނާއި އެކު އުޅެން ވެއްޖެނަމަ، ހިތާމަ ތަކާއި ކުރިމަތި ލާން ޖެހޭނެއެވެ. މިއީ ދުނިޔޭގެ މަޝްހޫރު ލަވް ގުރޫ ތައްވެސް އަބަދު ދެމުން އަންނަ ނަސޭހަތެކެވެ.