ހަޑި މީހުންނަށް ހަޔާތުގައި އެއްވެސް ކާމިޔާބީ އެއް ނުލިބޭނޭ ކަމަށް ބުނެ 14 އަހަރުގެ އަންހެން ދަރިފުޅު ލައްވައި ޕްލާސްޓިކް ސާޖަރީ ހަދުވަން އެ ކުއްޖާގެ މަންމަ މަސައްކަތް ކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ދެކުނަށް ނިސްބަތްވާ ކާލާ ބެލޫޝީ އަކީ މޮޑެލް އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު ކިޔަވަން އެހައި މޮޅު ނޫން ކަމަށް ބުނެ އޭނާގެ މަންމަ ބޭނުންވަނީ އެ ކުއްޖާ ޕްލާސްޓިކް ސާޖަރީ ހަދައިގެން ރީތި މީހަކަށް ވާށެވެ. އެއީ ހަޑި މީހުންނަށް ހަޔާތުގައި އެއްވެސް ކާމިޔާބީ އެއް ނުލިބޭނޭ ކަމަށް ބުނެއެވެ.

"އަހަރެން ހާހެއް ނުވޭ އޭނާގެ ކިޔެވުމަކާއި މެދު އެއް. އެއީ އޭނާ އަކީ ކިޔަވަން އެހައި މޮޅު ކުއްޖެއް ނޫން ކަން އެނގޭތީ. ކަމެއް ކުރަން ބޭނުން ނަމަ އޭނާ ޖެހޭނެ ރީތި މީހަކަށް ވާން. އެކަމަކު އަހަރެންގެ ފިރިހެން ދަރިން ކިޔަވާނޭ. އެކަމަށް އަހަރެން ބާރުވެސް އަޅަން" ބެލޫޝީ ބުނެފައި ވެއެވެ.

އުމުރުން އެންމެ 14 އަހަރުގައި މިފަދަ ކަމެއް ކުރަން އުޅުމުން ގިނަ ބައެއް އަންނަނީ ބެލޫޝީ އަށް ފާޑު ކިޔަމުންނެވެ. އެ ކުއްޖާގެ ސާޖަރީ އަށް މިހާރު ލާރިވެސް އެއްކޮށް ފައިވާ އިރު، އެ އަންހެން ކުއްޖާ ވާން ބޭނުން ވަނީ ކާޑަޝިއަން ފަދަ މީހަކަށް ކަމަށް މައުލޫމާތު ލިބެއެވެ.