އިންޑިއާގެ ގުޖުރާތަށް ކުރި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، މަގުތައް މަތިން ކިނބޫތައް ފެންނަން ފަށައިފިއެވެ.

މަގުތައް މަތީގައި ކިނބޫ ފަދަ ނުރައްކާތެރި ޖަނަވާރުތައް އުޅުމަކީ އާއްމު ކަމަކަށް ނުވާ އިރު، އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަން ވުމަށް މެދުވެރިވީ އެ ހިސާބު ގަނޑުގައި އޮންނަ ކޯރެއް ފުރި، ބަންޑުން ވުމުގެ ސަބަބުންނެވެ.

މީސް މީޑިއާގައި މިހާރު އާއްމު ވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ކިނބުލެއް ވަނީ މީހުން ދިރިއުޅޭ ގެތައް ކުރިމައްޗައް އައިސް، މަގުމަތީގައި އުޅުނު ކުއްތާ ތައެއް ކާލަން މަސައްކަތް ކޮށްފައެވެ. އެ ކިނބޫ ވަރަށް މަޑު މަޑުން އައިސް ކުއްތާ ކާލަން އުޅުނު ނަމަވެސް، ކުއްތާ ވަނީ ހަނި ގޮތަކަށް ސަލާމަތް ވެފައެވެ.

އެވަގުތު ކުޑަ ކުއްޖަކު ނުވަތަ މީހަކު މަގުމަތީ ހުރި ނަމަ، ސީރިއަސް އަނިޔާ ތަކެއް ލިބުނީހެވެ. ނަމަވެސް އެ ހިސާބު ގަނޑުގެ މީހުން ވަނީ ކިނބޫ ހިފާ ފަރާތްތަކަށް ގުޅައިގެން އެ ކިނބޫ ހިފާފައެވެ. މިއީ އެ ސަރަހައްދުން މިހައިތަނަށް ހިފި ހަމަ އެކަނި ކިނބޫ ނަމަވެސް، ހިފި ކިނބުލަށް ވުރެން ބޮޑު އަދި ނުރައްކާތެރި ކިނބޫތައް އެ ސަރަހައްދުގައި އުޅުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ހިސާބު ގަނޑުގެ މީހުންނަށް އެކަން އަންގާފައެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯ ވަނީ ޔޫޓިއުބްގައި ވެސް އާއްމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު