އެޕަލްއިން އެންމެ ފަހުން ނެރުނު އެ ކުންފުނީގެ އެންމެ ފަހުގެ ތިން މޮޑެލް، އިފޯން އެކްސް އެސް، އެކްސް އެސް މެކްސް، އަދި އެކްސް އާރު ލޯންޗުކޮށް ބާޒާރަށް ނެރެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ، އެޕަލް އިން ދެން ނެރޭ ފޯނަކަށެވެ.

މިއަހަރު އެޕަލް އިން ނެރެން ތައްޔާރުކޮށްފައިވާ އައިފޯންގެ ތިން މޮޑެލް އާއި ބެހޭ ގޮތުން ތަފާތު އެކި ވާހަކަތައް މީޑިއާގައި ދެކެވެމުންދާއިރު، އެ އައިފޯނުގައި ޔަޤީނުންވެސް ހުންނާނެ ބަދަލުތަކާއި ފީޗާތައް ވަނީ ހާމަވެފައެވެ. އެގޮތުން މިފަހަރުގެ އާ އައިފޯނުގެ ޑިޒައިނަށްވެސް ބަދަލުތަކެއް ގެނެވި، ފަހަތުގައި ތިން ކެމެރާ ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން އައިފޯނުން ނަގާ ފޮޓޯތައް މިހާރަށްވުރެ ފުރިހަމަވެގެން ދާނެއެވެ. މިއީ މިއަހަރު ނެރޭ އައިފޯނުން ފެނިގެންދާނެ އެންމެ ބޮޑު ތަފާތެވެ.

އެމެރިކާގެ ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ ބްލޫމްބާގުން ވެސް އާ އައިފޯނާއި ބެހޭ ބައެއް މައުލޫމާތު ހާމަކޮށް ރިޕޯޓެއް ނެރެފައިވާއިރު، އެ ކުންފުނިން ބުނެފައި ވަނީ، ދެން ނެރޭ އައިފޯނެއްގައި ފޮޓޯނެގުމާއި ފޮޓޯ ކްއެލިޓީ ރަނގަޅު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށެވެ. އެގޮތުން ތިން ބެކް ކެމެރާ ހުރުމުގެ އިތުރުން، ފޯނުން ނަގާ ފޮޓޯތައް ވަގުތުން އެޑިޓް ކުރުމަށް ބޭނުންކުރެވޭ ޚާއްސަ އާ ފީޗާތަކެއް މި ފޯނުން ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެޕަލް އިން މިއަހަރު ބާޒާރަށް ނެރޭ އައިފޯނުގެ ތިން މޮޑެލްއަށް ބޮޑެތި ކުރިއެރުންތައް ގެނެވިފައި ވާނެ ކަމަށް ބެލެވޭއިރު، މި ނޫނަސް ގިނަ އާ ފީޗާތަކެއް ފޯނުގައި ހުންނާނެ ކަމަށް ބެލެވިފައި ވެއެވެ. މިއަހަރު އެ ކުންފުނިން ލޯންޗް ކުރަން ހަމަޖެހިފައި ވަނީ އައިފޯން 11 އާއި އައިފޯން 11 މެކްސް އަދި އައިފޯން 11 އާރު އެވެ.

މިފަހަރު ނެރޭ އައިފޯނުގައި އޮޕަރޭޓް ކުރާނީ، އެޕަލް އައިއޯއެސް 13 އެވެ. އައިއޯއެސް 12 ގެ ކާމިޔާބީއާއެކު، އައިއޯއެސް 13 އަކީ އެޕަލް އިން އުފައްދާފައިވާ އެ ކުންފުނީގެ އާލާތްތަކަށް ބޭނުންކުރާ އެންމެ ފަހުގެ އޮޕަރޭޓިންގް ސިސްޓަމެވެ. މި އޮޕަރޭޓިންގް ސިސްޓަމް މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅު އިއުލާނުކޮށްފައިވާއިރު، މިއަހަރު ނެރޭނެ ކަމަށް އެޕަލްގެ ކޮންފަރެންސެއްގައި ކުރިން ވަނީ ހާމަކޮށްފައެވެ.

އަހަރު ނެރޭ އައިފޯންގައި ލޭޒަރ ކެމެރާއެއް ހުންނާނެ ކަމަށާއި މިއީ 3ޑީ ކޮށް ފޮޓޯ ނެގުމަށް ޚާއްސަކޮށްގެން އީޖާދުކުރާ ފީޗާއެއް ކަމަށް ވެއެވެ. މިހާރުވެސް ލޭޒަރ ކެމެރާއެއް އައިފޯންތަކުގައި ފޭޝިއަލް ރިކޮގްނިޝަންއަށް ދަނީ ބޭނުން ކުރަމުންނެވެ. އެއީ ފޭޝިއަލް ރިކްނިޝަންގެ އެހީގައި ފޯން ހުޅުވުމަށެވެ. ނަމަވެސް މިއަހަރުގެ އާ އައިފޯނުގައި ފޮޓޯ ނެގުމަށް ބޭނުން ކުރާނީ އެހެން ޓެކްނޮލޮޖީއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕަލް އައިފޯން 11 ގެ ތިން މޮޑެލްގެ އަގުތައްވެސް އެންމެ ފަހުން ބާޒާރަށް ނެރެފައިވާ އައިފޯން އެކްސްއެސް، އައިފޯން އެކްސްއެސް މެކްސް އަދި އައިފޯން އެކްސްއާރު އާއި މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި އައިފޯނު ލޯންޗުކޮށް ވިއްކަން ފެށިނަމަވެސް މިދިޔަ އަހަރު ނެރުނު ތިން މޮޑެލްގެ އަގު ދަށްވާނެ ކަމަށް ނުބެލެވެއެވެ.

ކޮންމެ އަހަރެއްގައި ވެސް އެޕަލްއިން ނެރޭ އާ އައިފޯނު ދައްކާލައި ފޯނު ލޯންޗް ކުރަނީ ސެޕްޓެމްބަރު މަހާއި ދިމާކޮށެވެ. ރަސްމީކޮށް ކުންފުނިން މިއަހަރުގެ އައިފޯން ލޯންޗްކުރާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވީނަމަވެސް، އަންނަ ސެޕްޓެމްބަރު 20 ވަނަ ދުވަހު މި ފޯނު ނެރޭނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.