މަރިޔަމް އުނޫޝާ (ކިޑީ) އާއި މިއުޒިޝަން ބާޗީގެ “އުދުހިލާ” ހުރިހާ ކުޑަކުދިންނަށް ހާއްސަ ކޮށްފިއެވެ.

މި އަލްބަމަކީ މަޝްހޫރު ލަވަކިޔުންތެރިއާ ކިޑީއާއި ބާޗީގެ ފުރަތަމަ ނާނާ އަލްބަމެވެ. މި އަލްބަމް ހާއްސަކޮށްފައިވަނީ ކިޑީގެ އަލަތު ދަރިފުޅަށާއި ހުރިހާ ކުޑަކުދިންނަށެވެ.

“އަސްލު ގިނައީ އިނގިރޭސި ނާނާތައް. ދިވެހި ނާނާ ވަރަށް މަދު. އެހެންވެ އަސްލު ބޭނުންވީ ދިވެހި ނާނާ އުފައްދަން. މި އަލްބަމްގައި ޖުމްލަ ހަތް ނާނާ ހިމެނޭ.” އުނޫޝާގެ ފިރިކަލުން ހަމީޝް ބުންޏެވެ.

ހަމީޝް ބުނެފައިވަނީ “އުދުހިލާ“ އަލްބަމްގައި ހިމެނޭނީ ހުސްވެސް އަމިއްލަ ރާގުގެ ނާނާތަކެއް ކަމަށާއި އަލްބަމަކީ 100 އިންސައްތަ ދިވެހި އުފެއްދުމެއް ކަމަށެވެ.

މި އަލްބަމްގެ ރިކޯޑިންގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގޮސްފައިވަނީ އުނޫޝާ އޭނާގެ ދަރިފުޅަށް ބަލިވެ އިން ދުވަސްވަރުގައެވެ.

ހަމީޝް ބުނެފައިވަނީ މިއަލްބަމްގައި ހިމެނޭ ނާނާތައް ގިނަ މީހުންނާ ކޮންމެވެސް ހިސާބަކުން ގުޅިފައިވާނެކަމަށެވެ. އަދި ކުޑައިރުގެ ހަނދާންތައް އާކޮށްދޭނެ ކަމުގައެވެ.

އުދުހިލާ އަލްބަމަކީ ސައުންޑް ސްކުއާޑް އަދި ލޫޕްކްރާފްޓްގެ ޕްރޮޑަކްޝަނެކެވެ. އުދުހިލާގެ ކަވާއަކީ އުނޫޝާއާއި ލޫޕްކްރާފްޓްގެ ހިޔާލެކެވެ. ކަވާ ތައްޔާކޮށްފައިވަނީ ވެސް ކުޑަކުދިންނަށް އެންމެ އެކަށޭނެ ގޮތަކަށެވެ. ކަވާ ތައްޔާރުކުރީ ލޫޕްކްރާފްގެ ޓީމުންނެވެ.

މި އަލްބަމް ނެރެން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.