ރާއްޖޭގެ މަޝްހޫރު ތަރިންނާއެކު ލާމު އަތޮޅު ހިތަދޫގައި މި އަހަރުގެ ބޮޑުއީދު ކުލަ ގަދަކޮށް ފާހަގަކުރަން ތައްޔާރުވަމުން އެބަގެންދެއެވެ.

ލަވަ ކިޔުންތެރިޔާ މުމްތާޒް މޫސާއާއި ސްޓެޕް އައްޔަގެ އިތުރުން، އެނޫންވެސް އިތުރު ފަންނާނުންނާއެކު ހިތަދޫގައި އީދު ފާހަގަކުރަން ހަމަޖެހިފައި ވާއިރު، ނެށުމުގެ އެކިއެކި ހަރަކާތްތަކާއި، ކުލަޖެހުމުގެ އިތުރުންވެސް އެތައް ކަމެއް އެ ރަށުގައި ކުރިއަށް ދާނެއެވެ.

އީދު ދުވަހުން ފެށިގެން ދުވާލު ގަޑީގައި މަގުމަތީގެ އެކިއެކި ކުޅިވަރުތައް ކުޅެން ރޭވިފައި ވާއިރު، 4 ވަނަ ދުވަހާއި ހަމައަށް ރޭގަނޑު ގަޑީގައި ސްޓޭޖް ޝޯ ވެސް އޮންނާނެއެވެ. ހިތަދޫ އިން "ވަގުތު"އަށް މައުލޫމާތު ދިން ޒުވާނަކު ބުނެފައި ވަނީ މިއީ އެންމެ ކުރިން ފެށިގެން އެ ރަށުގައި ކަންތައް ކުރަމުން އަންނަ ގޮތްކަމަށާއި، އީދަކީ އަބަދުވެސް ކުލަ ގަދަކޮށް، ފާހަގަ ކުރާ ކަމެއް ކަމަށެވެ.

"ކާބަފައިންގެ ޒަމާނުން ފެށިގެން ރަށުގެ ދެ ފަޅިން ވެސް އަންނަނީ މިކަން ކުރަމުން. މިއީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ގުޅުން ރަނގަޅު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް" އެ ޒުވާނާ ބުންޏެވެ.

ހިތަދޫ އީދަށް ތައްޔާރު ވަމުން އަންނަ އިރުގައި، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ލާމު އަތޮޅުގެ ގިނަ ރަށް ތަކުން ކުލަ ގަދަކޮށް އީދު ފާހަގަ ކުރާ ކަމެވެ.