އިންޑިއާގެ ހަރިޔަނާގެ ސަރުކާރު ހޮސްޕިޓަލްގައި ބަނޑަށް މަރުވެފައި އޮތް ކުއްޖަކު ފާހަނަ ތެރޭގައި ވިއްސުވައިފިއެވެ.

އިންޑިއާގެ ނޫސްތަކުގައި އާއިލާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މި އަންހެން މީހާ ފާހަނަ ތެރޭގައި ވިއްސުވިއިރު، ފާހާނާގައި ކަރަންޓެއް ނެތެވެ. އެހެންވެ އެ އަންހެން މީހާ ވިއްސުވުމަށް އެހީއެއްގެ ގޮތުން ޑޮކްޓަަރު ބޭނުންކޮށްފައި ވަނީ ފޯނުގެ ފްލެޝް ލައިޓުކަމަށް ބުނެފައިވެއެވެ.

"ފާހާނާގައި ލައިޓެއް ނެތް، އަލިކަމެއް ހޯދަން ބޭނުންކޮށްފައި ވަނީ ފޯނުގެ ފްލެޝް ލައިޓް"، އެ އަންހެން މީހާގެ ބޮޑުދައިތަ އިންޑިއާ ނޫހަކަށް މައުލޫމާތުދެމުން ބުންޏެވެ.

އެ އަންހެން މީހާގެ ބޮޑުދައިތަ ބުނީ، އެ އަންހެން މީހާގެ ދަރިފުޅު ބަނޑަށް މަރުވެފައިވުމުން ނުވިއްސޭނެ ކަމަށް ޑޮކްޓަރު ކުރިން ބުނިކަމަށާއި، އެ ދުވަހު ހަވީރު އޭނާގެ އޮޕަރޭޝަނެއްކޮށް ދަރިފުޅު ނަގާނެ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

"އަހަރެމެން ތިބީ ކާން، ތިއްބާ ހޮސްޕިޓަލްގެ ސްޓާފަކު އައިސް ބުނީ، އޭނާ ވިހައިފިކަމަށް". ބޮޑުދައިތަ ބުންޏެވެ.

އެ އަންހެން މީހާ ފާހާނާ ތެރޭގައި ވިއްސުވި ނަމަވެސް، އެ ކުއްޖާ ބަނޑަށް މަރުވެފައިވާކަން ކުރިން އާއިލާއަށް އޮތީ އަންގާފައިކަމަށް ޑޮކްޓަރު ބުންޏެވެ.

"އަންހެން މީހާ ފާހާނައަށް ގޮސް ހުއްޓާ ފެންދުލި ފަޅައިގެން ދިޔައީ، އެހެންވެ އެމަރޖެންސީކޮށް އެތަނުގައި އެ އަންހެން މީހާ ވިއްސުވީ، ކުރިން ހެދި ސްކޭނުން ވެސް ދަރިފުޅު މަރުވެފައި ވާކަން ވަނީ އެނގިފައި". ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރު ބުނީ، އެ އަންހެން މީހާގެ ފުރާނަ ސަލާމާތްވެފައިވާކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    އަންހެން ކުއްޖެއްވީމާ މަރާލީކަމަށް ބެލެވެނި.