ކުށެއް ސާބިތުވި މީހަކު 50 މިނެޓަސް ޖަލަށް ލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ލަންޑަނުގެ އަވަށެއްގައި ހުރި ކޯޓަކުން މިގޮތަށް ޙުކުމް އިއްވާފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކަށެވެ. 50 މިނެޓަށް އޭނާ ޖަލަށް ލުމަށް ކޯޓުން ޙުކުމް ކުރީ، މީހެއްގެ ގެދޮރަށް ގެއްލުން ދިނުމުގެ ދަޢުވާއެއް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

އެ ކޯޓުން އިއްވި ޙުކުމުގައި ބުނެފައިވަނީ، އެ ޒުވާނާ ޖަލަށްލާ ޙުކުމް ކުރަނީ، މިދިޔަ މޭއި މަހުގެ 30 ވަނަ ދުވަހު، އޭނާގެ އަވައްޓެރިއެއްގެ ގޭގެ ބިއްލޫރިގަނޑެއް، ފިހިގަނޑެއް ބޭނުންކޮށްގެން ތަޅާލުމަށްފަހު ފުލުހުން އެ ސަރަޙައްދަށް ދިއުމުން ފިލި މައްސަލައިގައި ކުށް ސާބިތުވެ އޭނާ ކުއްވެރިވުމުން ކަމަށެވެ.

މި މައްސަލަ ބެލި ފަނޑިޔާރު ވަނީ، އޭނާ ޖަލުގައި ހޭދަކުރާ 50 މިނެޓުގެ ވަގުތުގައި، ހާދިސާގައި ގެއްލުން ލިބުނު މީހާގެ ކިބައިން މަޢާފަށް އެދި ސިޓީއެއް ލިޔުމަށްވެސް އަމުރުކޮށްފައެވެ. މި އަމުރާއި އެއްގޮތަށް އެ ޒުވާނާ ސިޓީ ލިޔެފައިވާއިރު، މައްސަލަ ބެލި ފަނޑިޔާރު ވަނީ އަޑުއެހުމަށް އޭނާ ދިއުމުން އެ ސިޓީ އޭނާ ލައްވައި ބާރަށް ކިޔުއްވާފައެވެ.

މި ޙުކުމުގެ އިތުރުން މި މައްސަލައިގައި އެ ޒުވާނާއަށް ކޯޓުން ވަނީ، 80 ގަޑިއިރުގެ ކޮމިއުނިޓީ މަސައްކަތް ހަމަކުރުމަށްވެސް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު