އިންޑިއާގައި ފިރިހެނަކު އޭނާގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ލިބުނު، ބީއެމްޑަބްލިއު ކާރު ކޯރެއްގެ ތެރެއަށް އެއްލާލައިފިއެވެ.

އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަމަށް މިހާރު މި ހާދިސާ އައިސްފައިވާއިރު، ނޫސްތަކުން ބުނެފައިވަނީ މި ހާދިސާ ހިނގީ އެޤައުމުގެ ހަރިޔާނާ ސްޓޭޓުގައި އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ މީހަކު އޭނާގެ އުފަން ދުވަހަށް ލިބުނު އަގުބޮޑު އާ ކާރު ކޮއްޕާފައި ގޮސް ކޯރެއްގެ ތެރެއަށް ވައްޓާލާ މަންޒަރެވެ. އޭގެ ފަހުން ކާރު، ކޯރުގެ އޮޔާއެކު ގޮސް ދުރުގައި އޮތް ދަނޑުބިމެއްގެ ކައިރިޔަށް ލައްގާފައި އޮތް މަންޒަރުވެސް ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

ނޫސްތައް ބުނާގޮތުގައި އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މި ކާރު ލިބުނު މީހާ، ކާރު އެއްލާލުމާއި ގުޅިގެން ފަހުން އެ ކާރު ލެއްގި ދަނޑުބިމުގެ ވެރިފަރާތުން މިހާރު ވަނީ ކާރު ކޯރުގެ ތެރެއިން ނަގާފައެވެ. ނަމަވެސް ކޯރުތެރެއަށް ކާރު ދޫކޮށްލުމުން އެތެރޭގެ ބައިތަކަށް ފެނުގެ އަސަރުކޮށް އެ ކާރަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

މި ހާދިސާ އާއި ގުޅިގެން މިހާރު ހަރިޔާނާގެ ފުލުހުން ތަހުޤީޤެއް ފަށާފައިވާއިރު، އޮފިޝަލުން ބުނެފައިވަނީ އެމީހާ އޭނާގެ އާ ބީއެމްޑަބްލިއު ކާރު ކޯރު ތެރެޔަށް އެއލާލީ އޭނާ އެންމެ ބޭނުންވާ "ޖަގުއާ" މޮޑެލްގެ ކާރެއް ހަދިޔާއެއްގެ ގޮތުގައި ނުލިބުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

މި ހާދިސާ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް މިހާރު އަމާޒުވަމުންދާއިރު، އެފަރާތްތަކުން ބުނަމުން ދަނީ މި ހާދިސާއިން ހާމަވަނީ އޭނާގެ ބޮޑާ ކަމާއި ހިތްމޮޅުކަން ކަމަށެވެ. އަދި އިންޑިއާގައި ފަޤީރު ހާލުގައި ވަންނާނެ ގެދޮރުނެތް އެތައް ހާސް ނިކަމެތިންނެއް އުޅެމުންދާއިރު، މި އަމަލަކީ އެފަރާތްތަކަށް ކުރި ފުރައްސާރައެއް ކަމަށާއި، މިއީ ހިތާމަވެރި މަންޒަރެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

އިންޑިއާގައި ބީއެމްޑަބްލިއު ކާރެއްގެ އަގު ގާތްގަނޑަކަށް 3.5 މިލިއަން ރުޕީސްގައި އުޅޭއިރު، ޖަގުއާ ކާރެއް ލިބެނީ 4 މިލިއަން އާއި 5 މިލިއަން ރުޕީސް އާއި ދެމެދުގެ އަގެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުނު

    މީނާއަށް ދަސްކޮށްދޭންވީ ޝުކުރުވެރިވާން ފުރަތަމަ. މިކަހަލަ މީހުން އިނދެގެން ދަރިވެސް ބޭނުންވެދާނެ ވަގުތުން 9 މަސް މަޑުނުކޮށް.

    29
    1
  2. ޖިންނި

    ސައްތިޔާނާސް !

  3. ކައްވާރަ

    މީނާ ހިތް މޮޅީކީއެއް އެއް ނޫން!!! ހިސާބަށްވުރެ މޮޔައީ!! މިކަހަލަ ކަންތައް ކުރާނީ ތަންދޮރު ނުދަންނަ ބޮޑެތި ސޭކުން!! އޭނާއަށް ކާރު ކޯރަށް އެއްލާނުލާ ބޮޑުއަގުގައި ވިއްކާލުމުގެ ފުރުޞަތު ލިބުނު!! ނޫނީ ރީތި ގޮތުގައި އެހެން މީހަކަށް ކާރު ދޫކޮށްލަންވެސް ފުރުޞަތު ލިބުނު!! ފައިސާ ގުދަނަކަށް އުފަންވެ، ފައިސާތަކުގެ ތެރޭގައި ބޮޑުވީމާ ވާނީ މިހެން!!